ބޭނުން ނެތިގެން ދޫކޮށްލި ސުއަރޭޒް ކަރުނައާއެކު ބާސެލޯނާއަށް ދައްކާލީ ތަށި

Advertisement

ބޭނުން ނެތިގެން ދޫކޮށްލި ސުއަރޭޒް ކަރުނައާއެކު ބާސެލޯނާއަށް ދައްކާލީ ތަށި

ޢަބްދުﷲ އަޝްރަފް

މީގެ ގާތްގަނޑަކަށް އެއް އަހަރު ކުރިން ބާސެލޯނާގެ ޓީމުގައި ހިމަނަން ބޭނުން ނުވެގެން އެތުލެޓިކޯ މެޑްރިޑަށް އެ ޓީމުން ވިއްކާލި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ލީގު ކަށަވަރުކޮށްދިން ލަނޑުޖަހައި އޭނާގެ ފެންވަރު ހުރިކަން ބާސެލޯނާއަށް ސާބިތުކޮށްދީފި އެވެ.

ރޭ ސްޕެނިޝް ލީގުގެ އެންމެ ފަހުމެޗުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅެ 1-2 އިން އެތުލެޓިކޯ މޮޅުވެ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި އިރު މެޗުގެ ނަތީޖާ އެތުލެޓިކޯ ކޮޅަށް އަނބުރާލި ލަނޑު  ސުއަރޭޒް ކާމިޔާބުކުރީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ.

2020 ވަނަ އަހަރުގެ  ހޫނު މޫސުމުގައި ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑަށް ސުއަރޭޒް ދޫކޮށްލުން ވީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަކަށެވެ. ބާސެލޯނާ އިން އޭރު ބުނެފައިވަނީ ސުއަރޭޒް ދޫކޮށްލީ އެ ޓީމުގެ ކޯޗް ރޮނާލްޑް ކޫމަންގެ ޕްލޭންގައި އޭނާ ނެތުމުގެ ސަބަބުން ބާކީވާ ކުޅުންތެރިއަކަށް ވާތީ އެވެ. އެއާއެކު އތުލެޓިކޯ އިން ދުށީ އެއީ އެ ޓީމަށް ލިބުނު ރަންގަނޑެއްގެ ގޮތުގަ އެވެ. މުޅި ސީޒަންގައިވެސް ސުއަރޭޒް އައީ އެކަން ސާބިތުކޮށްދެމުންނެވެ. ރޭ އެތުލެޓިކޯ އަށް ލީގު ކާމިޔާބުކޮށްދިން މުހިއްމު ލަނޑާއެކު ސުއަރޭޒް ވަނީ މި ސީޒަންގައި އެތުލެޓިކޯ އަށް 21 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

“މީގެ އެއް އަހަރު ކުރިން އަހަރެން ތަޖުރިބާކުރީ އުނދަގޫ ހާލަތެއް. އެމީހުން އަހަރެން އަންޑައެސްޓިމޭޓްކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް.” މެޗަށް ފަހު ރޮވިފައި ހުރެ ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.

“އަހަރެންގެ ކުޅުމުން އަހަރެންގެ އަސްލު ފެންވަރު ސާބިތުކޮށްދޭން އަހަރެންނަށް ދޮރު ހުޅުވާލަ ދަނީ އެތުލެޓިކޯ މެޑްރިޑުން. ” ސުއަރޭޒް ބުންޏެވެ.

ބާސެލޯނާގައި ހަ އަހަރު ދުވަސް ހޭދަކުރުމަށްފަހުމިދިޔަ ސީޒަން ނިމުމުން އެ ކްލަބާ ވަކިވާންޖެހުނު ސުއަރޭޒް ވަނީ ބާސެލޯނާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ޓީމަށް196 ގޯލް ކާމިޔާބުކޮށްދީފަ އެވެ. ސުއަރޭޒް ބާސާ އިން ދޫކޮށްލި މައްސަލައިގައި ވާހަކަދައްކަމުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ މީގެ ކުރިން ބުނެފައިވަނީ ސުއަރޭޒް އާ ދޭތެރޭ ބާސެލޯނާ އިން ކަންކޮށްފައިވަނީ އެންމެ ރަގަޅަށް ނޫންކަމަށެވެ.

އުމުރުން 34 ގައި ސުއަރޭޒް ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެތުލެޓިކޯ އަށް ލީގު ކާމިޔާބުކުރުމުަށް އޭނާގެ ފަރާތުން ސީދާ ގޮތުން ލިބުނު ފައިދާ ވަރަށް ބޮޑެވެ. ސުއަރޭޒް  ލީގުގައި ޖެހި ގޯލްތަކުގެ ސަބަބުން އެތުލެޓިކޯ އަށް 21 ޕޮއިންޓް ކަށަވަރުކޮށްދިން އިރު އެވަރުގެ ފައިދާ އެއް ސީދާ ގޮތުން މި ސީޒަންގައި އަމިއްލަ ޓީމަށް ކޮށްދެވުނީ ވަރަށް މަދު ކުޅުންތެރިއަކަށެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *