ފަހު މިނެޓްގައި މުގުރާލި ރިކޯޑް ލެވަންޑޮސްކީ ހާއްސަކުރީ މަންމައަށް
މީގެ 49 އަހަރު ކުރިން ޖަރުމަނުގެ ގާޑް މުލާ ހަދާފައިވާ ރިކޯޑް ރޭ ބަޔާން މިޔުނިކުން ކުޅުނު ލީގުގެ އެންމެ ފަހު މެޗުގެ ފަހު މިނެޓްގައި މުގުރާލުމަށްފަހު ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ޖެހި ލަނޑު އޭނާގެ މަންމަ އަށް ހާއްސަކޮށްފި އެވެ.
ޖަރުމަނު ލީގު ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ކާމިޔާބުކޮށްފައިވާ ބަޔާން މިޔުނިކުން ރޭ އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗްގައި އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ ވައްދާލި ގޯލަކީ މި ސީޒަންގައި ބުންޑަސް ލީގާ ގައި އޭނާ ޖެހި 41 ވަނަ ގޯލެވެ. މި ގޯލާއެކު ލެވަންޑޮސްކީގެ ނަން ޖަރުމަނު ލީގުގެ ތާރީހުގައި އެ ލިޔެވުނީ އެއް ސީޒަނެއްގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ. މީގެ ކުރިން 40 ގޯލް ހަމަކޮށްގެން މި ރިކޯޑް މުލާ ހަދައިފައިވަނީ 1972 ވަނަ އަހަރު އެވެ.
“އަހަރެން ބޭނުންވަނީ މި ގޯލް އަހަރެންގެ މަންމައަށް ހާއްސަކުރަން. މިއަދަކީ މަންމަގެ އުފަން ދުވަސް.” މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ލެވަންޑޮސްކީ ބުނެފައިވެ އެވެ.
“މި ރިކޯޑް އަހަރެންނަށް މުގުރާލެވޭނެ ކަމަކަށް އުއްމީދެއްވެސް ނުކުރަން. އަހަރެން ހީކޮށްގެން ހުރީ 34 މެޗު ކުޅެގެން 40 ގޯލް ޖެހުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް. އަދި އަހަރެން މި ސީޒަންގައި ލީގުގައި ކުޅުނީ ވެސް 29 މެޗް. އަދިވެސް އަހަރެންނަށް މިހުންނަނީ މި ކުރެވުނު ކަންތައް ގަބޫލުކުރަންވެސް ދަތިވެފަ. މިއީ ވަރަށް ހާއްސަ އަދި ތާރީހީ ކަމެއް. ” ލެވަންޑޮސްކީ ބުންޏެވެ.
ރޭ ބަޔާން މިޔުނިކުން ކުޅުނު ލީގުގެ އެންމެ ފަހު މެޗުގައި އެ ޓީމުން ފަސް ގޯލް ޖެހި އެވެ. ރެކޯޑް މުގުރާލި ލަނޑު ލެވަންޑޮސްކީ މެޗުގެ އިތުރު ވަގުތުގައި ޖެހުމުގެ ކުރިން އޭނާ އަށް ލަނޑު ޖަހަން ޓީމުގެ ކުޅުންތެރިން އެތައް ފުރުސަތެއް ތަނަވަސްވެސް ކޮށްދިނެވެ. އެކަމަކު އެއިން ކޮންމެ ފަހަތރަކުވެސް ލެވަންޑޮސްކީ އަތުން ފުރުސަތު ވަނީ ބޭކާރެވެ.
“މިކަހަލަ ހާއްސަ ރެކޯޑެއް މުގުރާލާއިރު ނޭވާ ހިފަހައްޓާލަންޖެހޭ ކަންތައްތަކެއް ވުން އެއީ ވުން އެއީ ބޭނުން ކަމެއްގެ ގޮތުގަ ދެކެނީ. އަހަރެންނަށް ލަނޑުޖަހަން ލިބުނު ފުރުސަތުތައް ބޭކާރުވަމުން އައިމަ އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ހެމުން ދިޔައިން ކީއްވެބާއޭ މި ލަނޑު ނުޖެހިގެން މި އުޅެނީ ހިތަށް އަރާފަ. އެކަމަކު އެ ހުރިހާ ކަމަކަށް ފަހު ގޯލް ކާމިޔާބުކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް.” ލެވަންޑޮސްކީ މެޗަށްފަހު ބުނެފައިވެ އެވެ.
މި ސީޒަންގައި ލެވަންޑޮސްކީ ވަނީ ގައުމީ ޓީމަށާއި، ބަޔާން މިޔުނިކަށް ކުޅެދިން 46 މެޗުގައި ޖުމްލަ 53 ގޯލް ޖަހައިފަ އެވެ.
Advertisement
Leave a Reply