އިތުރު ވަގުތުގައި ޖެހި ލަނޑުން ހަނިމާދޫއަށް އުނދަގޫ މޮޅެއް

Advertisement

އިތުރު ވަގުތުގައި ޖެހި ލަނޑުން ހަނިމާދޫއަށް އުނދަގޫ މޮޅެއް

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅުގެ ގްރޫޕް އެކެއްގައި މިއަދު ކުޅުނު މެޗުންވެސް ހަނިމާދޫ މޮޅުވެއްޖެ އެވެ. ހަނިމާދޫ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވި ނެއްލައިދުއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އަލީ އާމިރު އެވެ.

މި މޮޅާއެކު ހަނިމާދޫއަށް ވަނީ ކުޅުނު ދެމެޗުން 6 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިނޭ އާއި ނޮޅިވަރަމް އެވެ. ގްރޫޕްގެ ދެވަނައިގައި ނޮޅިވަރަމް އޮތީ ތިން ޕޮއިންޓާއި އެކުއެވެ. ފުރަތަމަ މެޗުގައި 10-1 އިން ހަނިމާދޫ އަތުން ބަލިވި ފިނޭ މާދަމާ ކުޅޭއް މެޗުން ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެއެވެ. ހދ އަތޮޅުގެ ގްރޫޕް ދޭއްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ކުމުންދޫ އެވެ.

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ މ އަތޮޅު ބުރުގައި މިއަދު ކުޅުނު މެޗުގައި މުލަކާ ވާދަކޮށް މުލީ ޓީމު ވަނީ މޮޅުވެފައެވެ. ވާދަވެރި މި ދެޓީމުގެ ކުރިމަތިލުން މުލީ ޓީމު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މުލަކުން ނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 8 ވަނަ މިނެޓުގައި ހުސައިން އާތިފް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މުލީ ޓީމުގެ މައުރޫފް އަބްދުއް ސަމަދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު އެއްވަރުވާން ދަނިކޮށް މުލީ ޓީމުގެ ފަހު ދެ ލަނޑުވެސް ޖަހައިދިނީ އަބްދުﷲ ނާފިއު އެވެ. ނާފިއުގެ ފުރަތަމަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖެހި އިރު ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ. މި މޮޅާއެކު މުލީ ޓީމަށް ވަނީ ކުޅުނު ދެމެޗުން 6 ޕޮއިންޓު ލިބިފައެވެ. މ އަތޮޅު ބުރުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ވޭވަށާއި މަޑުއްވަރީ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *