އަނިޔާގެ މައްސަލަ މިވަރަށް ކުރިމަތިވި ނަމަ ސިޓީއަށް ތަށި ނުހޯދުނީސް: ކްލޮޕް
މި ސީޒަންގައި ލިވަޕޫލަށް ދިމާވި ވަރުގެ އަނިޔާގެ މައްސަލަތަކެއް މެންޗެސްޓަ ސިޓީއަށް ކުރިމަތިވި ނަމަ ސިޓީއަށް ލީގު ކާމިޔާބު ނުކުރެވުނީސް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފި އެވެ.
މި ސީޒަނުގެ ކުރީކޮޅު ލިވަޕޫލްގެ އެންމެ އިތުބާރު ދެ ޑިފެންޑަރުން ކަމަށްވާ ނެދަލޭންޑސްގެ ވާޖިލް ވެން ޑައިކާއި އިނގިރޭސި ވިލާތުގެ ޖޮއެ ގޯމޭޒް އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގުން އަދިވެސް އެ ކުޅުންތެރިން ތިބީ ކުޅުމާ ދުރުގަ އެވެ. މީގެ އިތުރުން ޑިފެންޑަރު ޖޮއެލް މަޓިޕް އާއި މިޑްފީލްޑަރުން ކަމަށްވާ ބްރެޒިލްގެ ފަބީނިއޯގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑަސަން އަދި މި ސީޒަންގައި ލިވަޕޫލާ އަލަށް ގުޅުނު ޕޯޗްގަލްގެ ފޯވާޑް ޑިއޮގޯ ޖޯޓާއަށްވެސް ވަނީ އަނިޔާގެ ސަބަބުން ސީޒަންގެ ބޮޑު ބައެއް ގެއްލިފަ އެވެ.
“އަހަރެމެންނަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާއެކު މިފަހަރުގެ ސީޒަނަކީ ތަށްޓަށް ވާދަކުރެވޭނެ ސީޒަނެއް ނޫން. އެއީ ކޮންމެ މީހަކު ހުއްޓަސް ވާނެ ކަމެއް ނޫން.” ލިވަޕޫލަށް 30 އަހަރަށް ފަހު އަލުން އިނގިރޭސި ލީގު މިދިޔަ ސީޒަންގައި ކާމިޔާބުކޮށްދިން ކްލޮޕް ބުންޏެވެ.
“ސިޓީ ކިތަންމެ މޮޅަސް ޑިފެންސް ލައިންގެ މެދަށް ކުޅޭ ތިން ކުޅުންތެރިންނަށް އަނިޔާވެގެން ސީޒަންގެ ބޮޑު ބައެއް ގެއްލުނު ނަމަ ލީގު ނުހޯދުނީސް. ޔުނައިޓެޑަށްވެސް ނުކުރެވުނީސް. އަހަރެމެން ލީގަށް ވަރަށް ވާދަކުރިން. އެކަމަކު ހަގީގަތް ގަބޫލުކޮށްފަ އަހަރެމެން ބެލީ ހާލަތުގެ ގޮތުން ހޯދެން އޮތް އެންމެ ރަގަޅު ނަތީޖާއެއް ހޯދަން. އަންނަ އާދީއްތަ ދުވަހު އަހަރެމެން މޮޅުވެގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމަ އަހަރެން ބުނާނީ އެއީ މިވަގުތަށް އަހަރެމެންނަށް ހޯދެން އޮތް އެންމެ ރަގަޅު ނަތީޖާ ހޯދުނީ އޭ.” 2019 ވަނަ އަހަރު ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކްލޮޕް ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވަރަށް ފަހަކާ ޖެހެންދެން ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލް އޮތް ނަމަވެސް އެ ޓީމަށް ފުލުފުލުގައި ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކުގެ ސަބަބުން ފަހުން ޓޭބަލްގެ ވަރަށް ފަހަތަށް ލިވަޕޫލް ސޮއްސާލި އެވެ. އެކަމަކު ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ހޯދި ހަތް މޮޅާއެކު އެ ޓީމް މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ވަރަށް ގާތުގަ އެވެ. އާދީއްތަ ދުވަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ ލީގުގެ އެންމެ ފަހު މެޗްގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައި، ލެސްޓަ ސިޓީއަށް ބޮޑު ތަފާތަކުން ޓޮޓެންހަމް ބަލި ނުކުރެވިއްޖެ ނަމަ ލިވަޕޫލަށް ގަދަ ހަތަރެއް ޔަގީންވާނެ އެވެ.
“އަހަރެމެންނަށް މިހާ ހިސާބަކަށް ނާދެވުނީސް އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން މިވަރުގެ ސާބިތުކަމެއް ނުފެނުނު ނަމަ. އުނދަގޫ ހާލަތްތަކެއް ތަޖުރިބާކުރަން ޖެހުމަކީ މިހާގެ ވަރުގަދަކަން އިތުރުކޮށްދޭ ކަމެއް. އަހަރެމެންނަށް ކުރިމަތިވި ދަތި ހާލަތުގަ އަހަރެމެން ތިބީ އެކަތިގަނޑެއްގެ ގޮތުގަ. އަހަރެމެން އެކަކު އަނެކަކަށް އިނގިލި ދިށްކޮށެއް ނުހަދަން.” 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗް ކަމުގެ މަގާމާ ހަވާލުވި ކްލޮޕް ބުންޏެވެ.
Advertisement
Leave a Reply