ރެއާލް ހުސްއަތާ ނިންމިއަސް ޒިދާން އާ ދިމާލަށް އެއްޗެއް ނުބުނެވޭނެ: ކަސިއަސް
ރެއާލް މެޑްރިޑަށް ތަށްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނު ނަމަވެސް އެ ޓީމުގެ ކޯޗް ޒިނެދިން ޒިދާން އާ ދިމާލަށް ފާޑުކިޔުމުގެ ގޮތުން ބުނެވޭނެ އެއްވެސް އެއްޗެއް ނެތްކަމަށް އެ ޓީމުގެ އެންމެ ކާމިިޔާބު ގޯލްކީޕަރު އީކަ ކަސިއަސް ބުނެފި އެވެ.
މިހާތަނަށް މި ސީޒަންގައި ރެއާލް މެޑްރިޑަށް އެއްވެސް ތަށްޓެއް ލިބިފައި ނުވާއިރު ލީގު ދިފާއުކުރުމުގެ ފުރުސަތުވެސް އެ ޓީމަށް ހަންޏެވެ. އަންނަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގެ އެންމެ ފަހު މެޗުތައް ކުޅޭއިރު ރެޢަލް އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ރެޢަލް އަށް މިފަހަރު ލީގު ކާމިޔާބުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ރެލިގޭޝަން ޒޯންގައި އޮތް ރެޢާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ނުވެ ރެޢާލުން ހަތްވަނައިގައި އޮތް ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެންނެވެ.
ދާދިފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެޢަލް ދޫކޮށްލާނެ ވާހަކަ ޓީމުގެ ކުޅުންތެރިން ގާތު ބުނެފަ އެވެ. އެކަމަކު ޒިދާން ވަނީ ފަހުން އެވާހަކަތައް ދޮގުކޮށްފަ އެވެ. ރެއާލްއަށް ފަސް ފަހަރު ސްޕެނިޝް ލީގު ހޯދައިދިނުމުގެ އިތުރުން ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކަސިއަސް ގަބޫލުކުރާ ގޮތުގައި ހުސްއަތާ ސީޒަން ނިންމާލަންޖެހުމާ ގުޅިގެން ޒިދާން ޓީމް ދޫކޮށްލަން ޖެހުނަސް ރެޢަލް އަށް ޒިދާން ހޯދައިދީފައިވާ ކާމިޔާބީގެ ކުލަ ފަނޑުނުވާނެ ކަމަށެވެ. ޒިދާން ވަނީ ރެއާލް އަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ދެ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ.
“ޒިދާންއާ ދިމާލަށް ފާޑުކިޔުމުގެ ގޮތުން އެކައްޗެއްވެސް ނުބުނެވޭނެ. އޭނަ ރެއާލްއަށް ހޯދައިދީފައިވަނީ އާދަޔާހިލާފު ކާމިޔާބީތަކެއް. އެއީ ވަރަށް މަދު މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން.” އުމުރުން 40 އަހަރުގެ ކަސިއަސް ބުނެފައިވެ އެވެ.
“އަހަރެން ގަބޫލުކުރަމީ އަދިވެސް ރެއާލްއަށް ތަށި ލިބިދާނެ ކަމަށް. އަހަރެންގެ އުއްމީދަކީ ރެއާލް ވަލަޑޮލިޑްގެ ފަރާތުން އަހަރެމެންނަށް އެހީތެރިކަމެއް ލިބުން.” ކަސިއަސް ބުންޏެވެ.
Advertisement
Leave a Reply