ފިޔަވަޅުތަކަށް އިހުތިރާމްކޮށް ގައުމީ ޓީމުން އެތެރޭގައި ތިބެ ފަރިތަކުރަނީ

Advertisement

ފިޔަވަޅުތަކަށް އިހުތިރާމްކޮށް ގައުމީ ޓީމުން އެތެރޭގައި ތިބެ ފަރިތަކުރަނީ

ޢަބްދުﷲ އަޝްރަފް

ވޯލްޑް ކަޕާއި އަދި އޭޝިއަންކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ހޮޓެލް ޖެންގައި ކޭމްޕްކޮށްގެން ތިބި ރާއްޖޭގެ ގައުމީ ޓީމަށް ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ނުލިބުމުން ހޮޓެލްގެ އެތެރޭގައި އޮންނަ ހޯލެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދަން ފަށައިފި އެވެ.

މި މަހުގެ 30 އިން އަންނަ މަހުގެ 15 އަށް ސެންޓްރަލައިޒްކޮށްގެން ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗްތައް ޗައިނާގައި ކުޅެން ހަމަޖެހިފައިވާއިރު މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް ހޮޓެލް ޖެންގައި ކޭމްޕްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިތުބާރުހުރިގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުގައި ފަރިތަކުރުމުގެ ހުއްދައަށް އެފްއޭއެމްގެ ފަރާތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގައި އެދުނު ނަމަވެސް އެކަމުގެ ހުއްދަ އެ އިދާރާއިން ވަނީ ނުދީފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ ޓީމަކީ ވޯލްޑް ކަޕާއި، އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވާ ޓީމްތަކުގެ ތެރެއިން ބޯލްރޫމެއްގެ ތެރޭގައި ތިބެގެން ފަރިތަކުރުންތައް ކުރިއަށްގެންދާ ހަމައެކަނި ޓީމަކީ ރާއްޖޭގެ ގައުމީ ޓީމަށް ވެދާނެ ކަމަށެވެ.

“ގައުމީ ޓީމު ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ތިބީ ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެންވެސް ގައުމަށް ރީތި ނަން ހޯދައިދޭން ތައްޔާރަށް . ހޮޓެލް ޖެން އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.” ގައުމީ ޓީމުގެ ކުޅުންތެރިން ހޮޓެލް ޖެންގެ ބޯލް ރޫމެއްގެ ތެރޭގައި ފަރިތަކުރުންތައް ކުރިއަށްގެންދާ ވީޑިއޯ ކްލިޕްތަކެއް ހިއްސާކުރަމުން ސޯޝަލް މީޑިއާގައި ބައްސާމް އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކޮލިފައިން މެޗްތަކަށް ޗައިނާއަށް ފުރުމުގެ ކުރިން ދުބާއީގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށްގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފްއޭއެމްގެ ފަރާތުން މަސައްކަތްކުރަމުން އައި ނަމަވެސް އެކަން އަދި ހަމަޖެހިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެކަން ހަމަޖެހުނުހާ އަވަހަކަށް ޓީމު ޗައިނާ އަށް ދިއުމުގެ ކުރިން ދުބާއީގައި ކޭމްޕްކުރާނެ އެވެ. ޗައިނާ އަށް ދިއުމަށް ހަމަޖެހިފައިވަނީ ދުބާއީ މަގުންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ސީރިއާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ. މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިޗާ ޗައިނާ އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުމާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ވާދަކުރާ މެޗެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *