ޗެލްސީން އަމިއްލަ ބާރު ދަމަހައްޓައި ލެސްޓާގެ އުއްމީދުތައް ވެންޓިލޭޓަރަށް ލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-2 އިން ލެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ދެމެހެއްޓިއިރު ލެސްޓާ ސިޓީ އަށް ހާސްކަން އިތުރުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެސްޓާ އިން ވަނީ ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގަދަ ހަތަރެއްގެ ވާދަވެރި ރޭހުގައި މިރޭގެ މެޗު ފެނުނީ ވަރަށް ވާދަވެރިކޮށެވެ.
ކޮވިޑް ޕްރޮޓޮކޯލްގެ ދަށުން އިނގިރޭސި ލީގުގެ ފަހު ދެ ބުރުގެ މެޗުތަކަށް ވަކި އަދަދަކަށް ސަޕޯޓަރުން ވައްދަން އިނގިރޭސި އެފްއޭ އިން ނިންމުމާއެކު މި މެޗު ބަލަން 8000 ސަޕޯޓަރުން ވަނީ ޗެލްސީގެ ދަނޑަށް ވަދެފަ އެވެ.
މެޗުގެ ފަށައިގެން ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައި ގާތްގާތުގައި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މި ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ލެސްޓާގެ ގޯލަށް ދެ ބޯޅަ ވައްދާލިނަމަވެސް އޮފްސައިޑް ވުމާއި އަތުގައި ބޯޅައިން ޖެހުމުގެ ސަބަބުން ރެފްރީ ވަނީ އެ ގޯލުތައް ކެންސަލްކޮށްފަ އެވެ. ޗެލްސީން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ވާނާ އަށް ކުރި ފައުލަކަށް ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. އެކަމަކު 76 ވަނަ މިނެޓުގައި ކެލެޗީ އީނާޗޯ ވަނީ ލެސްޓާ އަށް ގޯލެއް ޖަހައި އުއްމީދެއް ގެނެސްފަ އެވެ. މެޗުގެ ފަހުކޮޅު ލެސްޓާގެ އަޔޯޒޭ ޕެރޭޒަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އަނެއްކޮޅުން މެޗުގެ އިތުރު ވަގުތުގައި ދެޓީމުގެ ކުޅުންތެރިން ގިނަ ފައުލްތަކެއްކޮށް ހަމަނުޖެހުން ހިންގި އެވެ.
މޮޅާ އެކު ޗެލްސީ މިހާރު ވަނީ 37 މެޗުން 67 ޕޮއިންޓް ހޯދައި ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. 37 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލެސްޓާ މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. 36 މެޗުން 63 ޕޮއިންޓް ލިބިފައިވާ ލިވަޕޫލުން މިރޭ ބާންލީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ބޮޑުކުރެވޭނެ އެވެ. ފަހު މެޗުތަކުގައި ޗެލްސީން ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު ލެސްޓާ އަމިއްލަ ދަނޑުގައި ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ. ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ.
މިދިޔަ ސީޒަނުގައި ވެސް ލެސްޓާ އިން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކޮށްފަ އެވެ. އެކަމަކު ލީގުގެ ފަހު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވުމުން އެޓީމަށް އެ ފުރުސަތު ގެއްލުނީ އެވެ.
ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ފުލަމްއާ ކުޅޭ 1-1 އިން ވީ އެއްވަރެވެ. ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާ އެކު ޔުނައިޓެޑްގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ އެޑިންސަން ކަވާނީ އެވެ. ފުލަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ 76 ވަނަ މިނެޓުގައި ޖޯ ބްރަޔަން އެވެ.
ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރޭ ވަނީ ރަށުން ބޭރުގައި 3-2 އިން ބަލިވެފަ އެވެ. އިލްކާއީ ގުންޑޮގާން އާއި ފިލް ފޯޑެން ގޯލުތަކުން ސިޓީ ކުރީގައި އޮއްވައި ބްރައިޓަން އިން ތިން ލަނޑު ޖެހީ ފަހަތުން އަރަ އެވެ. މެޗުގައި ސިޓީ އަށް މައްސަލަތައް ކުރިމަތިވީ 10 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
ލީގުގައި މިއަދު ހަ މެޗު ކުޅޭއިރު ލިވަޕޫލާ ބާންލީ ވާދަކުރާ މެޗު ފަށާނީ ރޭގަނޑު 12:15 ގަ އެވެ.
Advertisement
Leave a Reply