ޕީސީއާރު ޓެސްޓުން އުފާވެރިކަން، ދަގަނޑޭ އެނބުރި ގައުމީ ޓީމަށް

Advertisement

ޕީސީއާރު ޓެސްޓުން އުފާވެރިކަން، ދަގަނޑޭ އެނބުރި ގައުމީ ޓީމަށް

ޢަލީ ޝަހީމް

އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް އާއިލާއާ އެކު އައިސޮލޭޝަނަށް ދިޔަ ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގްގެ ކޮވިޑް ނަތީޖާ ނެގެޓިވްވުމުން އޭނާ އަލުން ގައުމީ ޓީމާ ގުޅޭނެކަމަށް އެފްއޭއެމުން ބުނެފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ ޓީމު 25 ކުޅުންތެރިންނާއެކު މި މަހުގެ 13 ވަނަ ދުވަހު ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު ދަގަނޑޭ ވެސް ހިމެނުނެވެ. އެކަމަކު އަންހެނުން ޕޮޒިޓިވްވުމުން އޮންނަ އުސޫލުގެ ތެރެއިން އާއިލާއާ އެކު ދަގަނޑޭ އައިސޮލޭޝަނަށް ދިޔައީ އެވެ. އެކަމަކު އިއްޔެ ކުރި ޓެސްޓުން ދަގަނޑޭ ނެގެޓިވްވުމުން ހޮޓެލް ޖެންގައި ކޭމްޕްކޮށްފައިވާ ޓީމާ ދަގަނޑޭ އަލުން ގުޅޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ މިހާރު ކުޅެމުން އަންނަނީ އޭނާ ކްލަބް ކެރިއަރު ފެށި ކްލަބް ވެލެންސިއާ އަށެވެ.

ކޮލިފައިން މެޗުތައް މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޗައިނާގަ އެވެ. އޭގެކުރިން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ ގައުމީ ޓީމު ދުބާއީ އަށް ފޮނުވައި އެގައުމުގައި 10 ދުވަހުގެ ކޭމްޕެއް ފުރިހަމަކުރުމަށެވެ.

ގައުމީ ޓީމުން މިފަހަރު އަލަށް ފުރުސަތު ލިބުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔުނައިޓެޑް ވިކްޓްރީގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ކީޕަރު ނާޖިހު އަލީ (ނާޖީ) އާއި އެޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އަށެވެ. އަމިއްލަ ސަބަބުތަކާއި ގުޅިގެން މާޒިޔާގެ ހަސަން ނާއިޒް (ދާދު) އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވަނީ ގައުމީ ޓީމުން ވަކިވެފަ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން މުހިއްމު މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) އަށް ފުރުސަތު ވަނީ ގެއްލިފަ އެވެ. އަނިޔާގެ ސަބަބުން ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) މިފަހަރު ގައުމީ ޓީމުގައި ހިމަނާފައެއްނުވެ އެވެ.

އެޝިއާ ސަރަހައްދުން ކޮލިފައިންގައި ރާއްޖެ ނިސްބަތްވާ ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ސީރިއާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ. މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިޗާ ޗައިނާ އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުމާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ވާދަކުރާ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *