ހައްގު މަގާމާއެކު ބެންޒެމާ ޔޫރޯ ޗެމްޕިއަންޝިޕަށް
އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުން ރެއާލް މެޑްރިޑްގެ އުމުރުން 33 އަހަރުގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ފުރުސަތުދީފި އެވެ.
ބެންޒެމާ އެންމެ ފަހުން ފްރާންސް ޖާޒީގައި ފެނުނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެފަހުން އޭނާ އަށް ފްރާންސް ޓީމުން ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ ކުރީގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވުމުންނެވެ. ވަލްބުއޭނާ އާއި އަންހެނެއްގެ ވީޑިއޯ ބޭނުންކޮށްގެން ލާރި ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު ބެންޒެމާ އަށް ކުރެވުނީ 2015 ވަނަ އަހަރު އެވެ. މިދިޔަ ހަ އަހަރު ގައުމީ ޓީމުން ބެންޒެމާ ބާކީކޮށްފައި ހުރިއިރު ވެސް އޭނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައެއްނުވެ އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ބެންޒެމާގެ މައްސަލަ އަލުން ބަލަން ނިންމާފައިވާކަމަށް ފްރާންސްގެ ޕްރޮސިކިއުޓަރުން ވަނީ ބުނެފަ އެވެ. ބެންޒެމާ އަށް އަލުން ފުރުސަތު ލިބުނުއިރު އޭނާގެ މައްސަލައިގައި ގޮސްފައިވާ ހިސާބެއް އަދި ނޭނގެ އެވެ.
ބެންޒެމާ ގައުމީ ޓީމަށް ނެގުމަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ފްރާންސް ޓީމުގެ މަގާމްތަކަށް އަބަދުވެސް ވާދަވެރިކަން އޮންނަ ކަމަށާއި، ބެންޒެމާ ގުޅުމަކީ ފްރާންސް ޓީމަށް ރަނގަޅެއް ކަމަށެވެ.
ރެއާލްގައި ބެންޒެމާ މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި އެޓީމަށް ކުޅުނު 45 މެޗުގައި މިހާތަނަށް 29 ގޯލު ޖަހާފައިވާއިރު ރެއާލްގެ ޖާޒީގައި ބެންޒެމާ ކުޅުނު 558 މެޗުގައި 278 ގޯލު ވަނީ ޖަހައިފަ އެވެ.
ގައުމީ ޓީމުގައި ބެންޒެމާގެ ތާރީހް
ލިޔޯންގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު ބެންޒެމާ އަށް ފްރާންސް ގައުމީ ޓީމުން 2007 ވަނަ އަހަރު ފުރުސަތު ލިބުނުއިރު އޭނާގެ އުމުރުން 19 އަހަރެވެ. އޭގެފަހުން ގައުމީ ޓީމުގައި ހިމެނިގެން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2014 ގެ ވޯލްޑް ކަޕްގައި ބެންޒެމާ ކުޅުނެވެ. ގައުމީ ޓީމުގައި މިހާތަނަށް ބެންޒެމާ ކުޅުނު 81 މެޗުގައި 27 ލަނޑު ވަނީ ޖަހައިފަ އެވެ.
ގައުމީ ޓީމުން ފުރުސަތު ނުލިބޭތީ މީގެ ކުރިން ބެންޒެމާ ބުނެފައިވަނީ އޭނާ އެހެން ގައުމެއް ތަމްސީލުކުރަން ބޭނުންވާ ކަމަށެވެ. އަލްޖީރިއާ ދަރިކޮޅަށް ބެންޒެމާ ނިސްބަތްވާތީ ފްރާންސް ޓީމުން އޭނާ އަށް ފުރުސަތު ނުދިނުމުގައި ނަސްލީ ތަފާތުކުރުން އުޅޭކަމުގެ ވާހަކަތައް ދެކެވުނެވެ. އެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނީ ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަށެވެ.
ބެންޒެމާ ރަނގަޅު ފޯމެއްގައި ހުރިނަމަވެސް 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން އޭނާ އަށް ފުރުސަތެއް ނުލިބުނެވެ. ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް އަތުން ފްރާންސް ބަލިވިއިރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ވަނީ ހޯދައިފަ އެވެ.
ފްރާންސަކީ މިފަހަރުގެ ޔޫރޯގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. މިފަހަރުގެ ޓީމުގައި ވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ގިނަ ކުޅުންތެރިން ހިމެނެ އެވެ. ބެންޒެމާ އަށް ފުރުސަތު ދިންއިރު މިހާރު އަނިޔާގައި ހުރި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ފުރުސަތެއް ނުލިބުނެވެ. ބެންޒެމާ އާއި އޮލިވިއޭ ޖިރޫޑްގެ އިތުރުން އެ މަގާމުގައި ދެން ހިމަނާފައިވަނީ އޭއެސް މޮނާކޯ އަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވާޑް ވިސާމް ބެންޔެޑާ އެވެ. އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު ސެވިއްޔާގެ ޑިފެންޑަރު ކޫނޑޭ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަދްބަކަށް ކުޅޭ ފޯވާޑް މާކަސް ތުރާމް ފާހަގަކޮށްލެވެ އެވެ.
Advertisement
Leave a Reply