މަކަރު ހެދިޔަސް ކާންޓޭއަށް ޕޮގްބާ ކުރީ ހުސް ތައުރީފް

Advertisement

މަކަރު ހެދިޔަސް ކާންޓޭއަށް ޕޮގްބާ ކުރީ ހުސް ތައުރީފް

ޢަބްދުﷲ އަޝްރަފް

ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވަރަށް ގިނައިން މަކަރު ހަދާ ކަމަށާއި އެކަމަކު އޭނާ އަކީ ވަރަށް ގަޔާވެވޭ ކުޅުންތެރިއެއް ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

2015 ވަނަ އަހަރު ލެސްޓަ ސިޓީ އާ ކާންޓޭ ގުޅުނު ފަހުން އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަކީ ޔޫރަޕްގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ކާންޓޭ ވަނީ ލެސްޓަ ސިޓީ އާ ގުޅުމަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާވބުކުރަން އެހީތެރިވެދީފަ އެވެ. އޭގެ ފަހުން ޗެލްސީ އަށް ބަދަލުވެ އެ ކުލަބާއެކުވެސް ކާންޓޭ ވަނީ ޕްރިމިއަ ލީގު ތަށި އުފުލާލައިފަ އެވެ. ކްލަބް ފެންވަރުގައި ކާންޓޭ ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން 30 އަހަރުގެ މި ކުޅުންތެރިޔާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދި ފްރާންސް ޓީމުގައިވެސް ޕޮގްބާ އާއެކު ހިމެނިފަ އެވެ.

Advertisement

ކާންޓޭ އާ ގުޅޭގޮތުން ވާހަކަދައްކަމުން ޕޮގްބާ ބުނެފައިވަނީ ކަމެއް ކާމިޔާބުކުރުމަށްޓަކައި ކާންޓޭ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. އެއީ އެ އޮންނަ އުސޫލާ ހިލާފަށް އެކަން ކޮށްގެން ކަމަށްވިޔަސް ހެވެވެ.

“އޭނަ ވަރަށް މަކަރު ހަދާ.  ވަރަށް ގިނައިން ހަދާ. ކާޑު ގޭމް ކުޅޭއިރުވެސް އަދި ބޯޑް ގޭމް ކުޅޭއިރު ވެސް. ހަމަ ތެދަށް މި  ބުނަނީ އޭނަ ވަރަށް މަކަރު ހަދާ. އޭނަ ބުނަނީ އޭނަ މަކަރު ނުހަދަމޭ. އެކަމަކު އޭނަ ވަރަށް ގިނައިން އެކަން ކުރޭ.” ކާންޓޭ އަށްވުރެ ދެ އަހަރު ހަގު ޕޮގްބާ ބުންޏެވެ.

“އޭނަ މަކަރު ހަދަން ވަރަށް މޮޅު އުކުޅުތައް ބޭނުންކުރާނެ. އެއީ ވަރަށް ސްމާޓް މީހެއް. އެއީ އެކަމަކު މައްސަލައެއް ނޫން. އޭނަ އަކީ ވަރަށް ގަޔާވެވޭ ކަހަލަ މީހެއް. އޭނަ އަކީ ފުޓްބޯޅައިގެ މުޅި ތާރީހުގައިވެސް އަހަރެން ދުށް އެންމެ ގަޔާވެވޭ މީހާ. ކޮންމެ މީހަކުވެސް އޭނައާ ގަޔާވާނެ. އޭނައަށް އެއްވެސް މީހަކު ނަފްރަތެއް ނުކުރާނެ. އެއީ ވާނެކަމެއް ނޫން.” ކާންޓޭ އާއެކު ފްރާންސްގެ ގައުމީ ޓަމަށް ކުޅެމުން އަންނަ ޕޮގްބާ ބުންޏެވެ.

“އޭނަ އަކީ ވަރަށް ހިތްތިރި މީހެއް. އަދި، ވަރަށް ހިތްހެޔޮ މީހެއް. އޭނަ އެއްގޮތަކަށްވެސް ޝަކުވާއެއް ނުކުރާނެ. އޭނަ ކުރަންޖެހޭ މަސައްކަތް އޭނަ ބަރާބަރަށް ކުރާނެ.” ޕޮގްބާ އިތުރަށް ބުންޏެވެ.

ކާންޓޭގެ ފުޓްބޯޅައިގެ ހުނަރާއި އަދި އޭނަ ކުޅުމާއި ގުޅޭ ގޮތުންވެސް ޕޮގްބާ ކުރީ ހުސް ތައުރީފެވެ.

“ފުޓްބޯޅަ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ކަމެއް އޭނަގެ ކިބައިގައި އެބަހުރި.. އޭނަ އަކީ ޓެކްނިކަލީ ވަރަށް މޮޅު މީހެއް. ޕާސިންގ ވެސް އެހާ މޮޅު. އޭނަ ކުޅޭނެ މުޅި ދަނޑުގަ. އޭނަގެ ނިންމުންތައްވެސް ރަގަޅު. އެއަށްވުރެ ވަކި ރަގަޅު ކުޅުންތެރިއަކު ޓީމަކަށް ނުލިބޭނެ.” ކުރިން އިޓަލީގެ ޔުވެންޓަސް އަށްވެސް ކުޅެފައިވާ ޕޮގްބާ ބުންޏެވެ.

މި ސީޒަންގައި ޗެލްސީ މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގައި ވެސް ކާންޓޭގެ ހިއްސާ ބޮޑެވެ. ކާންޓޭ އާއި ޕޮގްބާ އަކީ އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ޗެމްޕިއަންޝިޕްގައި ވާދަކުރާ ފްރާންސް ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *