ޗެލްސީގެ ބާރު ކަނޑުވާލުމަށްފަހު ލެސްޓާ އިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

Advertisement

ޗެލްސީގެ ބާރު ކަނޑުވާލުމަށްފަހު ލެސްޓާ އިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ޢަލީ ޝަހީމް

ފައިނަލުގައި 1-0 އިން ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ސިޓީން ހޯދައިފި އެވެ.

މިއީ އެ ކްލަބުގެ ތާރީހުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. ލެސްޓާ ވަނީ މީގެ ކުރިން އެފްއޭ ކަޕްގެ ފައިނަލުގައި ހަތަރު ފަހަރު ވާދަކޮށް ބަލިވެފަ އެވެ. އެންމެ ފަހުން އެޓީމު ފައިނަލުގައި ބަލިވީ 1969 ވަނަ އަހަރު އެވެ.

ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅުނު ނަމަވެސް، އިނގިރޭސި އެފްއޭ އިން މިރޭގެ ފައިނަލަށް 20000 ސަޕޯޓަރުންނަށް ވަނީ ފުރުސަތުދީފަ އެވެ. ގިނަ ދުވަސްތަކަކަށްފަހު ދަނޑަށް ވަދެވުމުން ސަޕޯޓަރުން ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރުދީފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ފުރަތަމަ ހާފުގައި ޗެލްސީ ރަނގަޅަށް ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވި އެވެ. ލެސްޓާ އަށް ފުރަތަމަ ހާފުގައި ދިމާވި މައްސަލައަކީ ޑިފެންޑަރު ޖޮނީ އިވާންސް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

ލެސްޓާގެ ހަމައެކަނި ގޯލު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމަންސް އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޓީލަމަންސް ފޮނުވާލި ހިތްގައިމު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ޗެލްސީގެ ގޯލްކީޕަރ ކެޕާ އަރިޒަބަލާގާ މަސައްކަތް ކުރިނަމަވެސް އަތުގައި ލައްވާލާގޮތެއްނުވި އެވެ. ޓީލަމަންސް އަކީ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ލަނޑުޖެހި ބެލްޖިއަމްގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ލަނޑު ޖެހި ކުޅުންތެރިންނަކީ 2018 ވަނަ އަހަރު ޗެލްސީގެ އެޑެން ހަޒާޑާއި 2019 ވަނަ އަހަރު މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ.

ލެސްޓާ އިން ލީޑު ނެގުމުން ޗެލްސީން ވަނީ ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އެކަމަކު ޗެލްސީ އަށް ލަނޑު ނުޖެހުނީ ލެސްޓާގެ ކީޕަރު ކެސްޕަރ ޝްމައިކަލްގެ ހުށިޔާރުކަމުންނެވެ. މިގޮތުން ޗެލްސީގެ ބެން ޗިލްވެލް ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ހުއްޓުވިއިރު އޭގެފަހުން މޭސަން މައުންޓް ފޮނުވާލި ބާރު ހަމަލާވެސް ޝްމައިކަލް މަތަކުރި އެވެ.

މެޗުގެ ފަހު ވަގުތު ޗެލްސީން ލަނޑެއް ޖެހި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ ގޯލު ޖެހުމުގެ ކުރިން ޗެލްސީގެ ޑިފެންޑަރު ޗިލްވެލް ހުރީ އޮފްސައިޑްގައި ކަމަށެވެ. އޮފްސައިޑްގައި ހުރެ ލިބުނު ބޯޅަ ޗިލްވެލް ފޮނުވާލުމުން ލެސްޓާގެ ކޭލާ ސޮޔުންޗޫ ދިފާއުކުރަން ފޮނުވާލި ބޯޅަ އެޓީމުގެ ޑިފެންޑަރު ވެސް މޯގަން ގައިގައި ޖެހިފައި ވަނީ ގޯލަށެވެ. ގޯލު ކެންސަލްކުރީ ޗެލްސީ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރިފަހުންނެވެ.

މިއީ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި އެޓީމު ބަލިވީ އާސެނަލް އަތުންނެވެ.

އެފްއޭ ކަޕްގައި އެންމެ ކާމިޔާބީ 14 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އާސެނަލް އެވެ. މެންޗެސްޓަރ ޔުނައިޓެޑް 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު ޗެލްސީން ވަނީ 8 ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. ލެސްޓާ ވެފައިވަނީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އިނގިރޭސި 44 ވަނަ ޓީމަށެވެ.

ޗެލްސީގެ މައްޗަށް މުހިއްމު މޮޅެއް ހޯދިއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވެސް މި ދެޓީމު އަންނަނީ ވާދަކުރަމުންނެވެ. ލީގުގައި އަންނަ ހަފްތާ ބަންދުގައި އަނެއްކާވެސް މި ދެޓީމު ވާދަކުރާއިރު އެމެޗުން މޮޅުވާ ޓީމަކަށް ގަދަ ހަތަރެއްގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ. އެހެންވެ އެމެޗު ވެސް ބެލެވެނީ މި ދެޓީމުގެ ފައިނަލެއްގެ ގޮތުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *