ތިން ކުޅުންތެރިން އިތުރުކޮށް ގައުމީ ޓީމް ހޮޓެލް ޖެންގައި ކޭމްޕްކޮށްފި

ތިން ކުޅުންތެރިއަކަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތުދީ، ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ ޓީމު އިއްޔެ ހޮޓެލް ޖެންގައި ކޭމްޕްކޮށްފި އެވެ.
ކޮލިފައިން މެޗުތައް މިމަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޗައިނާގަ އެވެ. ހޮޓެލް ޖެންގައި 25 ކުޅުންތެރިންނާއި 8 އޮފިޝަލުންނާ އެކު އިއްޔެ ކޭޕްމްކުރިއިރު މިފަހަރުގެ ޕްރިލިމިނަރީ ސްކޮޑުން އަލަށް ފުރުސަތު ދީފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔުނައިޓެޑް ވިކްޓްރީގައި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދެއްކި ނާޖިހު އަލީ (ނާޖީ) އާއި އެޓީމުގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އެވެ.
ދަ ގްރާންޑޭގެ އިޔާން އަކީ އެޓީމު 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ގޯލުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ފުރަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭގެ ފުރަތަމަ ސީޒަނުގައި ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް ހުރުމުން އިޔާނަށް ފުރަތަމަ އެގާރައިން މާގިނަ ފުރުސަތުތަކެއް ނުލިބުނެވެ. އެކަމަކު މި ސީޒަނުގައި ފައިސަލް ކްލަބް ވެލެންސިއާއަށް ބަދަލުވުމުން ގަ ގްރާންޑޭގެ ގޯލު ބަލަހައްޓަމުން އަންނަނީ އިޔާން އެވެ. ހދ. ނޮޅިވަރަމަށް އުފަން 27 އަހަރުގެ އިޔާން ވަނީ ލީގުގެ ދެ ވަނަ ބުރުގެ ހަތް މެޗުގައި ވެސް ދަ ގްރާންޑޭގެ ގޯލު ބަލަހައްޓައިފަ އެވެ. އޭނާއާ އަމާޒުވި 49 ހަމަލާގެ ތެރެއިން 32 ހަމަލާ މަތަކުރިއިރު ގްރާންޑޭއާ އެކު ދެ ވަނަ ބުރުގައި އިޔާނަށް ކްލީން ޝީޓެއް ލިބޭގޮތެއްނުވި އެވެ. މި ބުރުގައި ދަ ގްރާންޑޭ ކޮޅަށް ވަނީ 17 ލަނޑު ވަދެފަ އެވެ.
ސްކޮޑުން ފުރުސަތު ލިބުނު ނ. ވެލިދޫ އަށް އުފަން 23 އަހަރުގެ ނާޖީ އަކީ ދެ ވަނަ ބުރުގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާ އެވެ. ދެ ވަނަ ބުރުގައި ޔޫވީގެ ހަތް މެޗުގައި ވެސް ނާޖިހް ގޯލު ބެލެހެއްޓިއިރު އެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނާޖީ ވަނީ ހޯދައިފަ އެވެ. ޔޫވީއާ އެކު މި ބުރުގައި ކްލީން ޝީޓެއް ނުލިބުނު ނަމަވެސް ހަތް މެޗުގައި ނާޖީ ބެލެހެއްޓި ގޯލަށް ވަނީ 10 ލަނޑެވެ. އޭނާ ވަނީ އެޓީމު ކޮޅަށް އިދިކޮޅު ޓީމުތަކުން އުފެއްދި 29 ހަމަލާގެ ތެރެއިން 19 ހަމަލާ މަތަކޮށްފަ އެވެ.
ނާޖީއާ އެކު ޔުވީ އަށް ކުޅެމުން އަންނަ ޗުމްޕު އަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. ބ. ހިތާދޫ އަށް އުފަން 29 އަހަރުގެ ޗުމްޕު ވަނީ މި ސީޒަނުގައި ޔޫވީ އަށް ކުޅުނު 13 މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އަދި ލީގުގައި އެންމެ ފަހުން ޔޫވީން ޖެހިޖެހިގެން ހޯދި ތިން މޮޅުގައި ޗުމްޕު މޮޅު ކުޅުމެއް ދެއްކި އެވެ. ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ޗުމްޕު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި މާޒިޔާ އަށް ވެސް ކުޅެފަ އެވެ.
މިހާރު ނަގާފައިވާ ސްކޮށް ފައިނަލް ކުރުމަށް އެފްއޭއެމުން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ޗައިނާ އަށް ފުރުމުގެ ކުރިންނެވެ. ފުރުމުގެ ކުރިން އެފްއޭއެމުން ފައިނަލްކުރި ކުރި ސްކޮޑް ރަސްމީކޮށް މީޑިއާތަކާ ހިއްސާކުރާނެ އެވެ. މިފަހަރުގެ ޓީމުގައި ނުހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިއަކީ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
National team checks-in to Jen Hotel today ahead of their trip to China on 19th May for the WC/Asian Cup qualifiers ????????#towardsfuture pic.twitter.com/GRDztgdyWI
— Bassam Adeel Jaleel (@bassam_jaleeI) May 13, 2021
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ޗައިނާ އާއި ސީރިއާގެ އިތުރުން ގުއާމް އަދި ފިލިޕީންސެވެ. މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިޗާ ޗައިނާ އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުމާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޖޫން ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ޖޫން ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން 15 ވަނަ ދުވަހު ފިލިޕީންސާ ވާދަކުރާ މެޗެވެ.
Advertisement


Leave a Reply