ރެއާލުން އަނެއްކާވެސް ވާންކޮށްފި، ބާކީ އޮތީ ވަރުގަދަ ދެ މެޗު
ސްޕެނިޝް ލީގުގައި ރޭ ގްރާނާޑާއާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ. ޓޭބަލްގެ 10 ވަނައިގައި އޮތް ޓީމާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 1-4 އިންނެވެ.
ރޭގެ ނަތީޖާ އާއެކު ލީގު ދިފާއުކުރުމަށް ކުޑަ އުއްމީދެއް ރެއާލަށް ލިބުނު ނަމަވެސް ލީގުގައި އެ ޓީމަށް ބާކީއޮތް ދެ މެޗަކީ އެތުލެޓިކޯ މެޑްރިޑުން ލީގުގައި ވާދަކުރަން އޮތް ދެ މެޗާ އަޅައި ބަލާއިރު ނިސްބަތުން ވަރުގަދަ ދެ މެޗެވެ. ލީގުގެ ފަހު ދެ މެޗުގައި އެތުލެޓިކޯ މެޑްރިޑަށް ޓޭބަލްގެ 10 ވަނައަށް ވުރެ ދަށުގައި އުޅޭ ޓީމުތަކާ ވާދަކުރަން އޮތް އިރު ރެއާލް އަށް ވާދަކުރަންޖެހިފައި އޮތީ ޓޭބަލްގެ 10 ވަނައަށް ވުރެ މަތީގައި އޮތް ދެ ޓީމާ އެވެ.
ރެއާލް އަށް ބާކީ އޮތް ދެ މެޗުގެ ތެރެއިން ފުރަތަމަ މަޗުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި އެ ޓީމުން ނުކުންނާނީ ނުވަ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށެވެ. މިވަގުތު ރަގަޅު ފޯމެއްގައި ބިލްބާއޯ އޮތްއިރު އެ ޓީމުން ވަނީ ދާދިފަހުން ލީގުގައި އެތުލެޓިކޯ މެޑްރިޑާއި، ހަތަރު ވަނައިގައި އޮތް ސެވިއްޔާވެސް ބަލިކޮށްފަ އެވެ. ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ރެއާލް ވާދަކުރާނީ ހަތް ވަނައިގައި އޮތް ވިޔަރެއާލް އާ އެވެ. ވިޔަރެއާލް ވަނީ މިފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުންވެސް ޖާގަ ހޯދައިފަ އެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީގައި އާސެނަލް ބަލިކުރުމަށްފަހު އެވެ.
އެތުލެޓިކޯ މެޑްރިޑަށް ލީގުގައި ދެން ބާކީ އޮތް ދެ މެޗަކީ 11 ވަނައިގައި އޮތް އޮސަސޫނާ އާ ދެކޮޅަށް ކުޅޭ މެޗާއި، ލީގުގެ ފުލުން ދެވަނައިގައި އޮތް ރެއާލް ވަލަޑޮލިޑާ ވާދަކުރާ މެޗެވެ. މި ދެމެޗް އެތުލެޓިކޯ އިން ކާމިޔާބުކޮށްފި ނަމަ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގު ތަށި އުފުލާލުމުގެ ފުރުސަތު ލިބޭނެ އެވެ. ލީގު ނިމޭއިރު އެތުލެޓިކޯ އާއި ރެއާލް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ ތަށި ލިބޭނީ ރެއާލް އަށެވެ. އެއީ ހެޑް ޓު ހެޑް ނަތީޖާ އިން އެތުލެޓިކޯގެ މައްޗަށް ރެއާލްއަށް ކުރި ލިބޭތީ އެވެ.
ލީގު ހޯދުމުގެ ވަރަށް ހަނި ފުރުސަތެއް ބާސެލޯނާ އަށްވެސް އެބަ އޮތެވެ. އެކަމަކު އެކަން ވާން އޮތީ އެތުލެޓިކޯ އިން ލީގުގައި ބާކީ ކުޅެން އޮތް ދެ މެޗުންވެސް ޕޮއިންޓް ގެއްލި ބާސެލޯނާ އިން ކުޅެންޖެހޭ ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އަދި އެވަރުންވެސް އެކަން ކަށަވަރެއް ނުވެ އެވެ. ރެއާލް މެޑްރިޑްގެ ނަތީޖާތަކަށް ވާގޮތެއްވެސް ބަލަންޖެހޭނެ އެވެ. މި ސަބަބުތަކާ ހުރެ ބާސެލޯނާއަށް މިފަހަރު ލީގު ހޯދުމަކީ ހައިރާންކުރުވަނިވި ގިނަ ނަތީޖާ ތަކެއް ނުކުމެގެން ނޫނީ ދެން ނުވާނެ ކަމެކެވެ.
ގްރާނާޑާ އާ ދެކޮޅަށް ރެއާލް އިން ރޭ ކުޅުނު މެޗުގައި ރެއާލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 17 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ރެއާލް އަށް ލީޑު ނަގައިދިން އިރު ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ބްރެޒިލަށް އުފަން 20 އަހަރުގެ ރޮޑްރިގޯ އެވެ.
ރެއާލް އިން އިތުރު ލަނޑެއް ކާމިޔާބުކުރުމުގެ ކުރިން މެޗުގެ 71 ވަނަ މިނެޓްގައި ގްރާނާޑާ އިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. އެކަމަކު އޭގެ ހަތަރު މިނެޓް ފަހުން ރެއާލުން ފުލުފުލުގައި ދެ ލަނޑު ޖަހައި ނަތީޖާ 1-4 އަށް ބަދަލުކުރި އެވެ. ފަހު ދެ ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް އަލްވާރޯ އޮޑްރިއޮޒޯލާ އާއި ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ.
Advertisement
Leave a Reply