އަމިއްލަ ދަނޑުގައި ކުޅުދުއްފުށްޓަށް ޕޮއިންޓެއް، ނޮޅިވަރަމް ފެށުން ރަނގަޅު ކޮށްފި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅު ބުރުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށްޓާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މި މެޗުގައި ލީޑު ނެގީ ނޮޅިވަރަންފަރު ޓީމުންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ މުހައްމަދު އައްސަދު އެވެ. ކުޅުދުއްފުށިން މެޗުގައި އެއްވަރުކުރި ލަނޑު އޭގެ ހަތް މިނެޓުގެ ފަހުން ޖެހީ ޒައިދު މުހައްމަދު އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކުމުންދޫ އެވެ. ކުޅުދުއްފުށްޓަކީ މިދިޔަ އަހަރު އަތޮޅު މުބާރާތުގެ ޗެމްޕިއަނުންނެވެ.
ހދ އަތޮޅުގެ ގްރޫޕް އެކެއްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ނެއްލައިދުއާއި ވާދަކޮށް ނޮޅިވަރަމް މޮޅުވީ 1-0 އިންނެވެ. ހަނިމާދޫގައި ކުޅުނު މި މެޗުގައި ނޮޅިވަރަމް ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގުރައިޝް އަބްދުއްރައްޒާގް އެވެ. މި މުބާރާތުގެ ގްރޫޕް އެކެއްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އަދި ނެއްލައިދޫ އެވެ.
Advertisement


Leave a Reply