އަހަރެން މިހިރީ ވަރަށް ރުޅިއައިސްފަ: ޒިދާން
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ވީއޭއާރުގެ އެހީގައި ނިންމައިފައިވާ ނިންމުންތަކާ މެދު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރެއާލް އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ޒިދާންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ މެޗުގެ ނަތީޖާ 1-1 ގައި އޮއްވައި ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އެޑާ މިލިޓާއޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ޕެނަލްޓީއެއް ދޭން ނިންމި ނިންމުމާއި، އޭގެ އިރުކޮޅެއް ކުރިން ރެފްރީ ރެއާލް އަށް ދޭން ނިންމި ޕެނަލްޓީ އެއް ވީއޭއާރު ބެލުމަށް ފަހު ބަދަލުކުރި ކުރުމަށެވެ. 2-2 އިން ރޭ އެއްވަރުވި މެޗުގައި ސެވިއްޔާ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ވީއޭއާރު ބެލުމަށްފަހު ދޭން ނިންމި ޕެނަލްޓީ ގޯލަށް ވައްދާލައިގެންނެވެ.
މީގެ އިތުރުން ރޭގެ މެޗުގައި ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ 12 ވަނަ މިނެޓްގައި ސެވިއްޔާގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ވީއޭއާރުން ނިންމާފައި ވަނީ ބެންޒެމާ ލަނޑުޖެހި އިރު ރެއާލްގެ ކުޅުންތެރިއަކު އޮފްސައިޑްވެފައި ހުރިކަމަށެވެ.
“އަހަރެން މިހިރީ ވަރަށް ރުޅިއައިސްފަ. އަހަރެން އެކަމާ ގުޅޭގޮތުން ރެފްރީއާ ސުވާލުކުރިން. އެއީ އަހަރެމެންނަށް ވަރަށް އޮޅުން އަރާ ކަންތައްތަކެއް ކުރިމަތިވީމަ. އަހަރެމެން ގަބޫލުކުރަނީ އަހަރެމެންނާ އެއްކޮޅަށް އެއަށްވުރެ ރަގަޅަށް ކަންކަން ނިމުން ހައްގުކަމަށް.” މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ޒިދާން ބުންޏެވެ.
“ރެފްރީ ދެއްކި ވާހަކަތަކުން އެއްވެސް އެއްޗެއް އަހަރެންނަކަށް އޮޅުމެއް ނުފިލި. މިލިޓާއޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ވަންޏާ ސެވިއްޔާގެ ކުޅުންތެރިޔާގެ އަތުގައިވެސް ބޯޅަ ޖެހުނު. މީގެ ކުރިން އަހަރެން ރެފްރީންގެ ވާހަކައެއް ނުދައްކަން. އެކަމަކު އަހަރެން މިފަހަރު މިހިރީ ވަރަށް ރުޅިއައިސްފަ.” މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނެފައިވެ އެވެ.
“މިކަމާ ގުޅޭގޮތުން އަހަރެންނާ އިތުރަށް ސުވާލުނުކުރާތި. އަހަރެންނަށް ފެންނަ ގޮތް އަހަރެން މި ހާމަކުރީ. އަހަރެމެން ހިތްވަރު އެލުވައެއްނުލާނަން. އެންމެ ފަހު ވަގުތާ ހަމައަށްވެސް ލީގު ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން.” މިދިޔަ ސީޒަންގެ ލީގު ތަށިވެސް ރެއާލް އަށް ހޯދައިދިން ކޯޗު ބުންޏެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ލިބެން އޮތް ނަމަވެސް މެޗު އެއްވަރު ވުމުން އެފުރުސަތު މިވަގުތަށް ވަނީ ހަނިވެފައެވެ. މިވަގުތު ޓޭބަލްގެ ދެވަނައިގައި ރެއާލް އޮތްއިރު އެ ޓީމަށްވުރެ ދެ ޕޮއިންޓް އިތުރަށް ލިބިގެން އެއްވަނައިގައި އޮތީ އަވަށްޓެރި ވާދަވެރިޔާ އެތުލެޓިކޯ މެޑްރިޑެވެ.
Advertisement
Leave a Reply