އުސޫލާ ހިލާފުވުމުން ބެންގަލޫރު ޓީމު އަނބުރާ ފޮނުވާލަނީ
ކޮވިޑް-19 އަށް ހަދާފައިވާ އުސޫލާ ހިލާފުވުމުން، އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗު ކުޅުމަށް މިވަގުތު ރާއްޖޭގައި ތިބި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން އަނބުރާ ގައުމަށްދާން ޖެހޭ ކަމަށާއި، އެކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގާފައިވާކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ބެންގަލޫރުން ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ އަންނަ އަންގާރަ ދުވަހަށެވެ. ބެންގަލޫރު އިންޑިއާއިން ރާއްޖެ އައުމުން އާއްމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. އެހެންނަމަވެސް އެޓީމު ރާއްޖެ ގެނައީ ކޮވިޑާ ގުޅިގެން ރާއްޖޭން މިހާރު ހަދާފައިވާ އުސޫލުތަކަށާއި އޭއެފްސީގެ ގައިވާއިދުތަކަށް ބޯލަނބަން ޖެހޭ ގޮތަށެވެ. ބެންގަލޫރު ޓީމު ކޭޕްމްކޮށްގެން ތިބި މާލޭގެ ހޮޓެލް ޖެން އަށް އިއްޔެ ވެއްދީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު އެވެ. މިއަދު ލިބުނު ކޮވިޑް ނަތީޖާގައި އެޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ ނެގަޓިވްވެފަ އެވެ.
މައްސަލަ ހޫނުވީ އުސޫލާ ހިލާފަށް ބެންގަލޫރު ކުޅުންތެރިން މާލޭގެ މަގުމަތީގައި އުޅޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. މި މައްސަލައިގައި މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއްމުންގެ ޕްރެޝަރާއެކު ވެސް އޭއެފްސީ ކަޕް ބޭއްވޭތޯ ބެލި ކަމަށާއި، އެކަމަކު ގައިޑްލައިނާ ހިލާފުވުމުން ބެންގަލޫރު ކުޅުންތެރިން ރާއްޖެ ދޫކޮށް މިހާރުން މިހާރަށް ދާންޖެހޭ ކަމަށެވެ.
“އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާ ހިލާފަށް ބެންގަލޫރު ޓީމުން އަމަލުކުރިގޮތް ބަލައެއް ނުގަނެވޭނެ. ބެންގަލޫރު ވީ އެންމެ އަވަހަކަށް ރާއްޖެ ދޫކޮށް ދާންޖެހޭ. މީގެ މަސްތަކެއް ކުރިން ބަހުގެ އިތުބާރު ދީ ކޮވިޑުގެ ކޭސްތައް ގިނަވެ އާއްމުންގެ ޕްރެޝަރު ކުރިމަތިވި އިރުވެސް މުބާރާތް ބޭއްވޭތޯ މި ބަލަނީ” މި މައްސަލައާ ގުޅިގެން މަހުލޫފް އެންމެ ފުރަތަމަ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
We have informed FAM that we cannot hold the match, and asked them to make arrangements for @bengalurufc’s departure. We will be in further correspondence with AFC through @MaldivesFA to postpone the group stage. https://t.co/wPO7Qkw9Ou
— Ahmed Mahloof (@AhmedMahloof) May 8, 2021
ބެންގަލޫރާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ޓީމުތައް ހިމެނޭ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 14 އިން 21 އަށް ކުޅުމަށް ހަމަޖައްސާފައިވަނީ މާލޭގަ އެވެ. ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރާނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.
ބެންގަލޫރެކޭ އެއްގޮތަށް އީގަލްސް ވެސް ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފަ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ވާދަކުރާ މާޒިޔާ މިވަގުތު ކޭމްޕްކޮށްގެން ތިބީ ހުޅުމާލޭގެ އަކާސިއާ ހޮޓަލުގަ އެވެ. ބަޝުންދުރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އަދި ރާއްޖެ އައިސްފައެއްނުވެ އެވެ. މި ޓީމުތަކަށް ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން ކުޅުންތެރިއަކަށް ބޭރަށް ނުކުމެވޭނީ ހަމައެކަނި މެޗު ކުޅުމަށާއި ފަރިތަކުރުންތަކަށެވެ.
ބުރާސްފަތި ދުވަހު ރާއްޖެ އައުމަށް ފަހު ބެންގަލޫރުގެ ކުޅުންތެރިން ވަނީ އިއްޔެ ހެންވޭރު ދަނޑުގައި ޕްރެކްޓިސްކޮށްފަ އެވެ.
“އެފްއޭއެމް އަށް އަންގައިފިން ރާއްޖޭގައި މެޗު ނުކުޅެވޭނެކަމަށް އަދި ބެންގަލޫރު ޓީމު ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް. އޭއެފްސީ އާއި އެފްއޭއެމްއާ މަޝްވަރާ ކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރުމާމެދު ގޮތެއް ނިންމާނަން” މަހުލޫފް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
Advertisement
Leave a Reply