ޗެލްސީ އަތުން ބަލިވެ ލީގު ހޯދަން ސިޓީ އަށް އިތުރު އިންތިޒާރެއް

Advertisement

ޗެލްސީ އަތުން ބަލިވެ ލީގު ހޯދަން ސިޓީ އަށް އިތުރު އިންތިޒާރެއް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ޗެލްސީ އަތުން ބަލިވެ ލީގު ހޯދަން ސިޓީ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ލީގު ހޯދަން ސިޓީ އަށް ބާކީ ބޭނުންވަނީ ތިން ޕޮއިންޓެވެ. މިރޭގެ މެޗާއެކު އެޓީމު އެއް ވަނައިގައި އޮތީ 35 މެޗުން ލިބިފައިވާ 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެ 67 ޕޮއިންޓް ލިބިފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގައި އަންނަ ހުކުރު ދުވަހުގެ ރޭ ސިޓީން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ދެ ވަނައިގައި އޮތް ޔުނައިޓެޑުން ލީގުގައި ތިން މެޗު ކުޅޭނެ އެވެ. އެ މެޗުތަކުގައި ޔުނައިޓެޑް ނެރޭ ނަތީޖާއަކުން ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު އެބައޮތެވެ. ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނައިރު އަންނަ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. ސާޖިއޯ އަގުއޭރޯގެ އެހީތެރިކަމާ އެކު 44 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މިއީ އިނގިރޭސި ލީގުގައި ސްޓާލިން ކާމިޔާބުކުރި 96 ވަނަ ލަނޑެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާކުރަން ސިޓީ އަށް ޕެނަލްޓީއެއް ލިބި ބޭކާރުވި އެވެ. ގެބްރިއަލް ޖިސޫސް އަށް ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަގުއޭރޯ ޗިޕެއް ގޮތަށް ފޮނުވާލުމުން ސިޓީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީން ވަނީ ކުރިއަށް ޖެހިގެން ކުޅެ ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މިގޮތުން އެޓީމުން އުފެއްދި ހަމަލާއެއްގައި ހަކީމް ޒިޔެޗް ވަނީ 63 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. އޭރިޔާ ބޭރުން ޒިޔެޗް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގައި ޗެލްސީން ގޯލުގެ ތެރެއަށް ވައްދާލި ތިން ބޯޅައެއް ރެފްރީ ވަނީ ގޯލު ނޫން ކަމަށް ނިންމައިފަ އެވެ. ފުރަތަމަ ދެ ބޯޅައިގައި ޓީމޯ ވާނާ އޮފްސައިޑްގައި ހުރިއިރު ފަހުން ގޯލަށް ބޯޅަ ވައްދާލިއިރު ކަލުމް ހަޑްސަން އޮޑޯއީ ހުރީ އޮފްސައިޑްގަ އެވެ. މެޗުގެ ފަހުކޮޅު ސްޓާލިން އަށް އެންޓޯނިއޯ ރުޑިގާ ފައުލްކުރި ކަމަށްބުނެ ސިޓީން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.

ޗެލްސީން މެޗުގައި މޮޅުވި ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މާކޮސް އަލޮންސޯ އެވެ. ވާނާ ނަގައިދިން ހުރަހަކުން އަލޮންސޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑެށެވެ.

މުހިއްމު މޮޅާ އެކު ޗެލްސީ މިހާރު ވަނީ 35 މެޗުން 64 ޕޮއިންޓް ހޯދައި ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތީ 35 މެޗުން 63 ޕޮއިންޓް ލިބިފައިވާ ލެސްޓާ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. މިރޭގެ މޮޅާ އެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު ޗެލްސީ އަށް ވަނީ ބޮޑުވެފަ އެވެ.

ލީގުގައި މިރޭ 12:15 ގައި ފަށާ މެޗުގައި ލިވަޕޫލް ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *