ޗެލްސީގެ ކުޅުންތެރިންނާއެކު ސަކަރާތް ޖެހުމަށްފަހު ހަޒާޑް މައާފަށް އެދެފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކެޓި މެޗަށްފަހު ޗެލްސީގެ ބައެއް ކުޅުންތެރިންނާއެކު ހީ ސަމާސާކުރުމަށްފަހު އެކަމަށްޓަކައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން އެ ޓީމުގެ މިޑްފީލްޑަރު އެޑެން ހަޒާޑް މައާފަށް އެދެފި އެވެ.
ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން ޗެލްސީ އަށް ކުޅުނު އުމުރުން 30 އަހަރުގެ ހަޒާޑް ސްޓެންފޯޑް ބްރިޖްގައި ކުޅުނު ސެމީ ފައިނަލްގެ މެޗު ނިމުމާއެކު ޗެލްސީގެ ކުޅުންތެރިންނާއެކު ހީ ސަމާސާކުރި މަންޒަރު ވަނީ ފެނިފަ އެވެ.
“އަހަރެން އެކަން ކުރީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނާ ދެކޮޅަށް ކަމެއް ކުރުމުގެ ނިޔަތަކު ނޫން.” އިންސްޓަގްރާމްގައި ހަޒާޑް އާންމުކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
0-2 އިން ޗެލްސީ އަތުން ރެއާލް ބަލިވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހަޒާޑް ކުޅެން ނުކުތް ނަމަވެސް އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުގެ ސަބނަބުން މެޗު ނިމުމުގެ ކުރިން ވަނީ ބަދަލުކޮށްފަ އެވެ.
2019 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޗެލްސީ ދޫކޮށް ރެއާލް އަށް ބަދަލުވި ބެލްޖިއަމްގެ ހަޒާޑް މެޗަށްފަހު ކަންކުރި ގޮތުން ރެއާލްގެ ސަޕޯޓަރުންނާއި، ސްޕެއިންގެ މީޑިއާގެ ފަރާތުން ހަޒާޑަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ބައެއް ފަރާތްތަކުން ވަނީ ހަޒާޑް ވިއްކާލުމަށްވެސް ގޮވާލައިފަ އެވެ.
ޗެލްސީ ގައި ހޭދަކުރި މުއްދަތުގައި އެ ޓީމަށް ދެ ޕްރިމިއަރ ލީގާއި، ދެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް ހަޒާޑް އަދާކުރި ނަމަވެސް ރެއާލް އަށް ބަދަލުވި ފަހުން އޭނާއަށް އެ ކުޅުން ތަކުރާރު ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ އަށް ގިނަ ދުވަހު ރެއާލް ގައި ހުންނަން ޖެހުނީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މިހާތަނަށް 40 މެޗު ރެއާލް އަށް ކުޅެދީފައިވާ އިރު ހަޒާޑަށް އަދި ޖެހުނީ އެންމެ ހަތަރު ލަނޑެވެ.
Advertisement
Leave a Reply