ކޮންމެ ރަށަކުން ވެސް ފުރަތަމަ އެދެނީ ފުޓްބޯޅަ ދަނޑަކަށް: މަހުލޫފް

Advertisement

ކޮންމެ ރަށަކުން ވެސް ފުރަތަމަ އެދެނީ ފުޓްބޯޅަ ދަނޑަކަށް: މަހުލޫފް

ޢަލީ ޝަހީމް
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކޮންމެ ރަށަކުން ވެސް އެންމެ ފުރަތަމަ އެދެނީ ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް ކަމަށާއި، ސަރުކާރުން ކުޅިވަރު ތަފާތު ނުކުރާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމަންޓް ގުޅިގެން ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ 20 ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އަތޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅާ 16 ރަށުގެ ނަން އިއުލާންކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ،.

ޓާފް ފުޓްބޯޅަ ދަނޑު އެޅުމަށް ހަމަޖެހިފައިވާ 16 ރަށަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާ އެވެ.

“ރަށަކަށް ދަތުރެއް ކުރިކަމުގައި ވިޔަސް، ކައުންސިލަކާ  ބައްދަލުކުރިކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ ފަރާތުން ވިޔަސް 99 ޕަސެންޓް އެންމެ ފުރަތަމަ އަންނާނީ ފުޓްބޯޅަ ދަނޑެއް ނުވަތަ ފުޓްސަލް ދަނޑެއްގެ ވާހަކަ. އެއީ އެރަށްރަށުގައި އަންހެން ފިރިހެން ޒުވާނުންނަށް ވެސް ހަމަ ކުޅެލުމުގެ ފުރުސަތެއް ނެތީމަ އަދި އެ ދަނޑުތައް އެހެން ކަންކަމަށް ވެސް ބޭނުންކުރެވޭތީ ވާކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން” މިނިސްޓަރު ވިދާޅުވި އެވެ.

“ކުޅިވަރު އަޅުގަނޑުމެން ތަފާތެއް ނުކުރާނަން. އަންހެން ފިރިހެން ކުޅުންތެރިންނަށް ހަމަހަމަކޮށް މިހާރު މުސާރަ ލިބޭނެ. އެކަމަކު ފުޓްބޯޅައާ އެއްވަރަކަށް މިއަދު އަޅުގަނޑުމެންނަށް އެހެން ކުޅިވަރެ ކުޅޭތަންވެސް ނޫންނަމަ ސަޕޯޓް ކުރާތަން ވެސް ނުވާވަރެއްގައި އޮތް ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ” މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވާހަކަދައްކަވަނީ. ހުރިހާ ކުޅިވަރަކަށް ވަސީލަތްތައް ފަހިކޮށްދޭން މަސައްކަތް ކުރައްވާ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

“ރަށްރަށުން ވެސް ވޮލީ ކޯޓެއްގެ ކުރިން ފުރަތަމަ އެ ދައްކަނީ ފުޓްބޯޅަ ދަނޑެއްގެ ވާހަކަ. ސާފް ޓްރެކެއް ނޫންނަމަ ބިލިއާޑްގެ ވާހަކައިގެ ކުރިން ފުޓްބޯޅަ ވާހަކަ އެ އަންނަނީ އެ ސަބަބާހެދި. އެކަމަކު އަޅުގަނޑުމެން މިދަނީ މީގެ ކުރިން އެއިން އެއްވެސް ކުޅިވަރަކަށް ތަރައްގީ ނުގެނެސްދޭވަރަށް އެކަންކަން ކުރަމުން” ދާދިފަހުން މާލޭގައި ހުޅުވި ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ އަށް އިޝާރާތް ކުރަމުން މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މަހުލޫފް ވިދާޅުވީ މިހާރު ވެސް އަށް ރަށެއްގައި ސާފް ޓްރެކްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި ބާސްކެޓް އިންޑޯ އާއި ވޮލީގެ އިންޑޯ ކޯޓުތައް އެޅުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށައިފަ އެވެ.

“އެއްވެސް ކުޅިވަރަކުން ނުކެރޭނެ މިއަދު އައިސް ބުނާކަށް މީގެ ކުރިން އެއަށްވުރެ ގޯހެކޭ. ލާހިކެއް ނޫން ބުނާކަށް. ކޮންމެ ކުޅިވަރަކަށް ވެސް ހުންނާނީ ރަނގަޅަށް ކޮށްދީފައި. އެންމެ ބޭނުންވާ ސްޕީޑުގައި ހުރިހާ ކަމެއް ވަމުން ނުދިޔަކަސް ހުރިހާ ދިމާލަކުން ވެސް ކަންކަން ވަމުންއެބަދޭ” މަހުލޫފް ވިދާޅުވި އެވެ.

ލީގު ފުޅާކުރާއިރު މި ދަނޑުތަކުގެ ބޭނުން ކުރެވިގެންދާނެ: ބައްސާމް

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ މައިގަނޑު އަމާޒަކީ 2024/2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް މުޅި ރާއްޖެ ޝާމިލްވާނޭހެން ފުޓްބޯޅަ ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި، ލީގު މުޅި ރާއްޖޭގައި ބޭއްވުމުގެ މަސައްކަތުގެ މަޝްވަރާތައް އެފްއޭއެމުން މިހާރު އަންނަނީ ކުރަމުންނެވެ.

ބައްސާމް ވާހަކަދައްކަވަނީ. ލީގު މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އެފްއޭއެމުން އަންނަނީ ކުރަމުން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އަލަށް އިއުލާންކުރި 16 ދަނޑަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއިން ރާއްޖޭގައި އަޅަން ނިންމި 20 ދަނޑުގެ ތެރޭގައި ހިމެނޭ ދަނޑުތަކެވެ. 20 ދަނޑުގެ ތެރެއިން އަމިއްލަ ބޭނުމަކަށް ތިން ދަނޑެއް އެފްއޭއެމުން ވަނީ ނަގައިފަ އެވެ. އެއީ ހުޅުމާލޭގައި އަޅާ ފުޓްބޯޅަ ސްކޫލާ ވިލިމާލޭގައި އަޅާ ފުޓްބޯޅަ ދަނޑާއި އަދި މާލޭގައި އަޅާ ފުޓްބޯޅަ ދަނޑެވެ.

“ބާކީ ހުރި ހުރިހާ ދަނޑެއް (16 ދަނޑު) ސަރުކާރާ މަޝްވަރާ ކުރުމަށްފަހު އެންމެ ބޭނުންވާ ސަރަހައްދުތަކުގައި ދަނޑުތައް މި ހަދަނީ. މިއީ ހަމަ ހަމަ އެ ޕްރޮޖެކްޓްގެ ތެރެއިން ސަރުކާރާ އެކީގައި ކުރިއަށްގެންދާ ދަނޑުތަކެއް” ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ޓާފް ދަނޑުތައް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރުތެރޭ 100 ޓާފް ފުޓްބޯޅަ ދަނޑު ތަރައްގީކުރުމެވެ. މިހާތަނަށް 15 ދަނޑެއްގެ މަސައްކަތް ނިންމާލާފައިވާއިރު 75 ދަނޑެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

“މުސްތަގުބަލުގައި އަޅުގަނޑުމެން 2024/2023 ގައި ރާވާފައި މިވާ ބޮޑު ފުޓްބޯޅަ ލީގު ނުވަތަ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް މިކުރެވޭ މަސައްކަތުގައި މި ދަނޑުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފިގެންދާނެ. ދަނޑުތައް އެޅުމުގެ މައިގަނޑު ބޭނުމަކީ މި މުބާރާތަށް މި ލީގަށް ސަރުކާރާ ގުޅިގެން އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ދަނޑުތަކެއް އެޅިގެންދިއުން” ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ދަނޑުތައް އަޅަނީ ވަކި އަތޮޅަކަށް ބަލައިގެން ނޫންކަމަށާއި، ލިސްޓު އެކުލަވާލީ އެފްއޭއެމްއާ މަޝްވަރާ ކުރެވިގެންކަމަށެވެ. މިއީ ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *