ސިޓީގެ ހުވަފެނީ ގަނޑުވަރު އެމްބާޕޭ އަށް މިރޭ ފުނޑާލެވޭނެތަ؟
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗަކީ ސީޒަނުގައި އެޓީމު ނުކުންނަ އެންމެ މުހިއްމު މެޗެވެ. މެޗަށް ނުކުންނައިރު އެޓީމުގެ ސަޕޯޓަރުން އެންމެ ބޮޑު އުއްމީދެއް ކުރަނީ ކިލިއަން އެމްބާޕޭ އަށާއި ނޭމާ އަށެވެ. އެމްބާޕޭ އަކީ ޕީއެސްޖީ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދިނުމުގައި އެންމެ މޮޅު ކުޅެއް ދެއްކި އެއް ކުޅުންތެރިޔާ އެވެ.
އަނިޔާގެ ސަބަބުން މިރޭގެ މެޗުގެ އެމްބާޕޭ ފުރަތަމަ އެގާރައިގައި ހިމެނޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި ޕީއެސްޖީ އަށް ފައިނަލުގެ ޖާގައެއް މިރޭ ލިބޭނީ ނޭމާއާ އެއްވަރަށް އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންނެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ކޮޅަށް އެމްބާޕޭ ހެޓްރިކް ހެދިއިރު ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ކޮޅަށް ދެ ލަނޑު ޖެހި އެވެ. އެކަމަކު ސެމީގެ ފުރަތަމަ ލެގްގައި ސިޓީ އަތުން 2-1 އިން ބަލިވި މެޗުގައި އެމްބާޕޭ ފެނުނީ ހިމޭންކޮށެވެ.
އަނިޔާގައި ހުރި ނަމަވެސް އެމްބާޕޭ ވަނީ ޕީއެސްޖީގެ ޓީމާ އެކު ސިޓީ އަށް ގޮސްފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު މައުރީޒިއޯ ޕޮޗެޓީނޯ ބުނީ އެމްބާޕޭ މެޗުގައި ކުޅޭނެތޯ އަދި ނުނިންމާ ކަމަށެވެ.
“މިއަދު އެމްބާޕޭ އަމިއްލަ ޓްރެއިނިންތައް ކުރިއަށް ގެންދާނެ. އެއަށްފަހު ބަލާނެ ޓީމާ އެކު އެމްބާޕޭ އަށް ޕްރެކްޓީސް ކުރެވޭނެތޯ. އަހަރެން މިހުރީ އެކަމާ ކަންބޮޑުވެފަ. އެކަމަކު މެޗަށް އަދި އެއް ދުވަސް އޮތީމަ ބަލަން ޖެހޭނީ އެމްބާޕޭ އަށް މެޗުގައި ކުޅެވޭނެތޯ” މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުންޏެވެ.
އުމުރުން 22 އަހަރުގެ އެމްބާޕޭ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލުމުގެ ބިރު އެޓީމަށް އޮތްއިރު ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ އެމްބާޕޭގެ ހުވަފެނެކެވެ. ފުރަތަމަ ލެގުން ސިޓީ އަތުން ބަލިވި މެޗަށް ފަހު ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޕީއެސްޖީން ލެންސް ބަލިކުރި މެޗުގެ ޓީމުގައި އެމްބާޕޭ ހިމަނާފައެއްނުވެ އެވެ.
އެމްބާޕޭ އަށް އަނިޔާވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ފްރެންޗް ލީގުގައި މެޓްޒްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގަ އެވެ. މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީ ޓީމުގައި ގިނަ މެޗުތަކެއް ކުޅެފައިވާއިރު އޭނާ ވަނީ ސީޒަނުގައި 37 ލަނޑު ޖަހައި 10 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. ޕޮޗެޓީނޯ ބުނީ އެމްބާޕޭގެ ވަރުބަލިކަމާ މެދު ވިސްނައި އޭނާ ބޭނުންކުރުމުގައި ޓީމުން އަމަލުކުރީ ރަނގަޅަށް ކަމަށެވެ.
“އަހަރެމެން އެމްބާޕޭގެ ކަންކަން ބެލީ ވަރަށް ފުރިހަމަކޮށް. ސިޓީގެ މެޗުގެ ކުރިން މެޓްޒްއާ ދެކޮޅަށް އެމްބާޕޭ ފުލް މެޗު ކުޅުނު. އަނިޔާވީ އެންމެ ފަހު ވަގުތުގައި. ކުޅުންތެރިއަކަށް އަނިޔާވެދާނެ މެޗުގެ ކޮންމެ ވަގުތަކު ވެސް. އެ މެޗުގެ ކުރިން ކަޕް މެޗުގައި އެމްޕާބޭ އަށް ރެސްޓް ދިނިން” ގިނަ މެޗުތަކެއްގައި އެމްބާޕޭ ނުކުޅުވާކަން ފާހަގަކުރަމުން ޕޮޗެޓީނޯ ބުންޏެވެ.
ސިޓީ އަށް ބޮޑު ފުރުސަތެއް
ސިޓީ އާއި ޕީއެސްޖީ އަކީ ވެސް ބޮޑު ހަރަދުކޮށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާ މަޝްހޫރު ދެޓީމެވެ. މިރޭގެ މެޗަށް ނުކުންނައިރު ފުރަތަމަ ލެގްގައި ހޯދި މުހިއްމު މޮޅާ އެކު ސިޓީ އޮތީ އުންމީދުގަ އެވެ. މިރޭގެ މެޗުން ކުރި ހޯދައިފިނަމަ ފައިނަލުގައި ސިޓީ ނުކުންނާނީ ޗެލްސީ ނުވަތަ ރެއާލް މެޑްރިޑާ އެވެ.
ދެޓީމުގެ ޑޮމެސްޓިކް ސީޒަނަށް ބަލާއިރު ވެސް ކުރި ލިބެނީ ސިޓީ އަށެވެ. އެޓީމުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އެޓީމުން ސީޒަން ނިންމާލާނީ ތާރީހީ ތިން ތައްޓާ އެކު އެވެ. ސިޓީއާ އަޅާކިޔާއިރު ޕީއެސްޖީ އަދި އޮތީ ފްރެންޗް ލީގުގެ ދެ ވަނައިގަ އެވެ. ފްރެންޗް ލީގުގައި ބާކީ ތިން މެޗު އޮތްއިރު ޕީއެސްޖީ އަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން އެއް ވަނައިގައި އޮތީ ލީލް އެވެ. އެހެންކަމުން ލީގާއި ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކާމިޔާބީ ނުލިބުމުގެ ބިރު ޕީއެސްޖީ އަށް އެބައޮތެވެ.
ފައިނަލުން ޕީއެސްޖީ އަށް ފުރުސަތު ލިބޭނީ މިރޭ މަދުވެގެން ދެ ލަނޑުގެ ތަފާތަކުން ސިޓީ ބަލިކޮށްގެންނެވެ. 2-1 އިން ޕީއެސްޖީ މޮޅުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. ސިޓީގެ ދަނޑުގައި މިރޭގެ މެޗު ފަށާނީ 12 ޖަހާއިރު އެވެ.
Advertisement
Leave a Reply