އާ ހިތްވަރަކާއެކު ނުކުމެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ފޯރިގަދަކޮށްފި
ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ގްރާނާޑާ އަތުން ބަލިވެފައިވަނިކޮށް ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވުމުން ސްޕެނިޝް ލީގު ހޯދުމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެއްޖެ އެވެ. 2-3 އިން ވެލެންސިއާގެ މައްޗަށް ތިންވަނައިގައި އޮތް ބާސެލޯނާ އިން ރޭ ހޯދި މޮޅާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި އެ ޓީމާއި ދެމެދު އޮތް ފަރަގު މިހާރު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ.
މިހާތަނަށް ލީގުގައި 34 މެޗު ކުޅެގެން ހޯދި 76 ޕޮއިންޓާއެކު ޓޭބަލްގެ އެންމެ ކުރީގައި އެތުލެޓިކޯ އޮތްއިރު ދެވަނައިގައި ހަމަ އެ އަދަދަށް މެޗު ކުޅެގެން 74 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރތިޑެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ހެޑް ޓު ހެޑް ނަތީޖާ އަށް ބަލައި ބާސެލޯނާ ތިންވަނައިގައި މަޑުކުރަން ޖެހިފައި އޮތް އިރު އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި އޮތް ސެވިއްޔާ ވެސް އޮތީ ލީގަށް ވާދަކުރެވޭހާ ގާތުގަ އެވެ. މިރޭ ޓޭބަލްގެ ދިހަ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސެވިއްޔާ ކުޅޭ މެޗުން އެ ޓީމް މޮޅުވެއްޖެ ނަމަ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ތިން ޕޮއިންޓަށް ގާތްވާނެ އެވެ.
ވެލެންސިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނުނު ފަސް ގޯލުވެސް ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ލީޑު ނަގައި ކުރި ހޯދީ ވެލެންސިއާ އިންނެވެ. މެޗުގެ 50 ވަނަ މިނެޓްގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކުރިން އާސެނަލް އަށް ކުޅުނު ގަބްރިއެލް އެވެ. އޭގެ ހަތް މިނެޓް ފަހުން ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރި އެވެ. ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ވެލެންސިއާގެ ގޯލްކީޕަރު ހުށިޔާރުކަމާއެކު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު މެސީ އަލުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ބާސެލޯނާ އަށް ލީޑް ނަގައިދިން ލަނޑު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކުރީ އަންޓުއަން ގްރީޒްމަން އެވެ. އޭގެ ހަ މިނެޓް ފަހުން ބާސެލޯނާ އަށް ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިގެން މެޗުގެ ނަތީޖާ 1-3 އަށް މެސީ ބަދަލުކުރި އެވެ. ވެލެންސިއާ އަށް ކުރެވުނު ހަމައެކަނި ވަރަކީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމެވެ.
Advertisement
Leave a Reply