ދެ ވަނަ ބުރު ވެސް ނިމިއްޖެ، މާޒިޔާ އަތްނުފޯރާ ހިސާބަށް!

Advertisement

ދެ ވަނަ ބުރު ވެސް ނިމިއްޖެ، މާޒިޔާ އަތްނުފޯރާ ހިސާބަށް!

ޢަލީ ޝަހީމް
މާޒިޔާގެ ފުރަތަމަ ގޯލަށް ފަހު އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ދެ ވަނަ ބުރު ނިމުނުއިރު އެއް ވަނައިގައި އެޓީމަށް ވަނީ 9 ޕޮއިންޓުގެ ލީޑެއް ލިބިފައި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިރޭ ނިމުނުއިރު މާޒިޔާ އިން އެއް ވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި މިރޭ މާޒިޔާ އިން ވަނީ ކްލަބް އީގަލްސްއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ.

ލީގުގެ ފުރަތަމަ ދެ ބުރު ނިމުނުއިރު ބަލިނުވާ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. 14 މެޗުން އެޓީމަށް 34 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ދެ ވަނަ ބުރު ނިމުނުއިރު ލިބިފައިވަނީ 25 ޕޮއިންޓެވެ. ފަހު ބުރަށް ނުކުންނައިރު މާޒިޔާ އަށް އެއް ވަނައިގައި ލިބިފައިވާ 9 ޕޮއިންޓުގެ ލީޑާ އެކު އެޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ އުއްމީދު އާވެފަ އެވެ.

Advertisement

ލީގުގެ ތިން ވަނައިގައި އޮތީ 19 ޕޮއިންޓް ލިބިފައިވާ ކްލަބް ގްރީން ސްޓްރީޓްސް އެވެ. 17 ޕޮއިންޓާ އެކު އީގަލްސް ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 15 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތްއިރު ހަތް ވަނައިގައި އޮތީ 13 ޕޮއިންޓް ލިބިފައިވާ ޓީސީ ސްޕޯޓްސް ކްލަބް އެވެ. ލީގުގެ ފުލުގައި އޮތީ 12 ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ފުލުގައި އޮތަސް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ ރެލިގޭޝަނުން ސަލާމަތްވެ ކުރީގައި އުޅޭ ޓީމުތަކަށް ފަހަތައް ޖައްސާލުމުގެ ފުރުސަތު އެޓީމަށް މިހާރު ވަނީ ލިބިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޓަކާޝީ ހަމްޕުއާ އެކު އުފާފާޅުކުރަނީ. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ބޮލުން ޓަކާޝީ ކާމިޔާބުކުރި ލަނޑެކެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ތަހާ މުހައްމަދު އަތުން ޖައްސައި ފޮނުވާލުމުން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހަމަޖެހިލާފައި އޭނާ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޕު އެވެ. ހާފު މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިޔާ ބޭރުން ހަމްޕު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ކޯނޭ އެވެ. މިއީ އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) ފޭދޫ އިއްބެ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ކޯނޭ ޖެހި ލަނޑެކެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޒިޔާގެ ހަމްޕު އެވެ.

ލީގުގެ ތިން ވަނަ ބުރު ފެށުމަށް މިހާރު ޝެޑިއުލް ކޮށްފައި އޮތީ ޖޫން 21 ވަނަ ދުވަހު އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ދެން ކުރިއަށް އޮތީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތަކާއި ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރާ މެޗުތަކެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕްގެ މެޗުތައް މި މަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ. ގައުމީ ޓީމުގެ މެޗުތައް އޮންނާނީ އަންނަ މަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *