10 އަހަރަށް ފަހު އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

Advertisement

10 އަހަރަށް ފަހު އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

ޢަލީ ޝަހީމް

2010 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި އެވެ. އިންޓަ އަށް އިޓަލީގެ ޗެމްޕިއަންކަން ކަށަވަރުވީ ލީގުގެ ދެ ވަނައިގައި އޮތް އެޓަލާންޓާ އިން މިރޭ ސަސޮއުލޫއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ.

އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި އިންޓަ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއިރު އެޓީމަށް އަދި ބާކީ ހަތަރު މެޗު އެބައޮތެވެ. 13 ޕޮއިންޓުގެ ލީޑެއް އިންޓަ އަށް ލިބިފައިވާއިރު އެޓީމުން ވަނީ 34 މެޗުން 82 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި މިހާރު އޮތީ 69 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. ތިން ވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ.

Advertisement

އިޓާލިއަން ލީގު މިދިޔަ ނުވަ ސީޒަނުގައި ވެސް ކާމިޔާބުކުރީ ޔުވެންޓަސް އިންނެވެ. އެކަމަކު އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި އެޓީމަށް ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ. ޔުވެންޓަސް އޮތީ 33 މެޗުން ލިބިފައިވާ 66 ޕޮއިންޓާ އެކު މިވަގުތު ލީގުގެ ފަސް ވަނައިގަ އެވެ. މިހާރު އެޓީމުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމަށެވެ.

އިންޓަ އަށް 2010 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދިނީ ހޯސޭ މޮރީނިއޯ އެވެ. ކޮންޓޭ އިންޓައާ ހަވާލުވި ދެ ވަނަ ސީޒަނުގައި އެޓީމަށް ތަށި ކާމިޔާބުކޮށްދިން އިރު މިދިޔަ ސީޒަނުގައި ޗެމްޕިއަން ޔުވެންޓަސް އަށް ވުރެ ޕޮއިންޓެއް މަދުން ލިބިގެން އިންޓަ ނިންމާލީ ދެ ވަނައިގަ އެވެ. މިއީ ކޮންޓޭގެ ކެރިއަރުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އޭނާ ވަނީ 2011 އިން 2014 ވަނަ އަހަރުގެ ނިޔަލަށް ޔުވެންޓަސް އަށް ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި، 2017 ވަނަ އަހަރު ޗެލްސީ އަށް ކޮންޓޭ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނެވެ.

މިދިޔަ ޖެނުއަރީ މަހު ލީގުގައި ޔުދިނޭޒީއާ 0-0 އިން އެއްވަރުވިއިރު އިންޓަ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެކަމަކު އޭގެފަހުން އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިޖެހިގެން 11 މޮޅު ލީގުގައި ހޯދައި އެއް ވަނަ މަގާމްގައި ހަމަޖެހިލާފަ އެވެ. މި ސީޒަނުގައި މިހާތަނަށް 82 ޕޮއިންޓް ހޯދާފައިވާއިރު މިއީ 2010 ވަނަ އަހަރު މޮރީނިއޯގެ ކޯޗުކަމުގައި އިންޓައިން ލީގު ނެގިއިރު ލިބުނު ޖުމްލަ ޕޮއިންޓުގެ އަދަދެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުލަށް ގޮސްގެން ކެޓިނަމަވެސް ލީގުގައި އިންޓަ ފެނުނީ ވަރުގަދަކޮށެވެ. އެޓީމުގެ ޑިފެންޑަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ރޮމެލޫ ލުކާކޫ އާއި ލައުޓާރޯ މާޓީނޭޒް ވެގެން ލީގުގައި 36 ލަނޑު ޖެހި އެވެ. އަދި މިދިޔަ ސީޒަނަށް ފަހު 36 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑުން އިންޓަ އަށް ބަދަލުވި އަޝްރަފް ހަކީމީ ވަނީ ހަތް ގޯލު ޖަހައި ހަތް ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *