ސިޓީ ބަލިކުރަން އަހަރެން ފުރާނައިން ގުރުބާން ވާނަން: ނޭމާ

Advertisement

ސިޓީ ބަލިކުރަން އަހަރެން ފުރާނައިން ގުރުބާން ވާނަން: ނޭމާ

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ޕީއެސްޖީއަށް އަދި ނުގެއްލޭ ކަމަށާއި، ދެ ވަނަ ލެގްގައި މެންޗެސްޓަރ ސިޓީ ބަލިކުރަން ދަނޑުމަތީގައި އަމިއްލަ ފުރާނަ ދުއްވާލަން ޖެހުނަސް އެކަން ކުރާނެކަމަށް ނޭމާ ބުނެފި އެވެ.

ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޕީއެސްޖީ އިން މިދިޔަ އަހަރުތަކުގައި ވަނީ ގިނަ ހަރަދުތަކެއްކޮށްފަ އެވެ. އެ އަމާޒަށް ދިއުމަށް ޕީއެސްޖީ އިން އެންމެ ބޮޑު ހަރަދެއްކޮށްގެން ގެނައި އެއް ކުޅުންތެރިއަކީ ނޭމާ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ޕީއެސްޖީ ބަލިވިއިރު މި ސީޒަނުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ސިޓީއާ ވާދަކޮށް އަމިއްލަ ދަނޑުގައި 2-1 އިން ޕީއެސްޖީ ވަނީ ބަލިވެފަ އެވެ. ޕީއެސްޖީ އަށް ފައިނަލަށް ދެވޭނީ އަންނަ އަންގާރަ ދުވަހުގެރޭ ސިޓީ ދަނޑުގައި މަދުވެގެން ދެ ގޯލުގެ ތަފާތަކުން މޮޅުވެގެންނެވެ. ދެ ވަނަ ލެގް 2-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

“ދެން އޮތީ ސިޓީ މެޗަށް އަލުން ފޯކަސް ކުރުން. ފުރަތަމަ މެޗު ކިތަންމެ އުނދަގޫކޮށް ދިއަޔަސް އަހަރެމެންނަށް ދެ ވަނަ ލެގްގައި މޮޅުވުމުގެ ފުރުސަތު އެބައޮތް. ޕެރިސްގެ ކޮންމެ ސަޕޯޓަރަކު ވެސް އަހަރެމެންނަށް އިތުބާރު ކުރޭ. ސިޓީއާ ކުރިމަތިލާން ނުކުންނަ ޓީމުގެ އެންމެ ކުރީ ސަފުގައި އަހަރެން ހުންނާނަން” ފްރެންޗް ލީގުގައި ރޭ ލެންސް އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗަށް ފަހު ނޭމާ ބުންޏެވެ.

ޕީއެސްޖީ މި ސީޒަނުގެ ސެމީ އަށް ދަތުރުކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ގަދަފަދަ ބަޔާން މިއުނިކް ކުއާޓާ ފައިނަލުގައި ކަޓުވާލުމަށްފަހު އެވެ. ޕީއެސްޖީ އާއި ސިޓީގެ އިތުރުން ފައިނަލުގެ އަނެއް ޖާގައަށް ވާދަކުރަނީ ޗެލްސީ އާއި ރެއާލް މެޑްރިޑް އެވެ. މި ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު ރެއާލް ދަނޑުގައި 1-1 އިން ވީ އެއްވަރެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މެއި 29 ވަނަ ދުވަހު ކުޅޭނީ ތުރުކީގެ އިސްތަންބޫލްގެ ސްޓޭޑިއަމްގަ އެވެ.

“އަހަރެންނަށް ކުޅެވުނު އެންމެ މޮޅަކަށް ސިޓީ މެޗުގައި ކުޅޭނަން. ނަތީޖާ އަނބުރާލުމަށް ދަނޑުމަތީގައި ފުރާނައިން ގުރުބާންވާން ޖެހުނަސް އަހަރެން އެކަން ކުރާނަން” ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ އަޒުމުގައި ހުރި ނޭމާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *