މާލޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް
ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ ޕްލޭންގެ ދަށުން މާލޭގައި ތަރައްގީކުރި ދުނިޔޭގެ ފެންވަރު ބިލިއާޑް ފެސިލީޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވައި އެތަން ކުޅުންތެރިންނަށް ހުޅުވާލައިފި އެވެ.
މި ބިލިއާޑް ފެސިލިޓީގައި ޖުމްލަ 12 މޭޒު ބަހައްޓާފައިވެ އެވެ. މާލޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ތަރައްގީކުރިއިރު މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހެދި ބިލިއާޑް ހައުސް ވެސް ރަސްމީކޮށް ހުޅުވައިފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. މި ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ އިސްވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މި ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ޓްރިކްޝޮޓް ރެކޯޑް ހޯލްޑަރެއް ކަމަށްވާ ފްލޯރިއަން ކޮލާ (ވެނަމް) ވެސް ބައިވެރިވެ ހުނަރު ދައްކާލާފައިވެ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކޮވިޑާ ހެދި ބަޖެޓްގެ ތާށިކަން ކުރިމަތިވި ނަމަވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އިސްކަމެއް ދިން ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ތަރައްގީކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް މަހުލޫފް ޝުކުރުއަދާކުރެއްވި އެވެ.
ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ ނެޝަނަލް ބިލިއާޑް ސެންޓަރު މިހާރު ހުންނާނީ ހުޅުވިފައި ކަމަށާއި ބައިނަލްއަގްވާމީ ކުޅިވަރު ވަސީލާތްތައް ތަރައްގީކުރުމުގައި ބިލިއާޑް ފެސިލިޓީ ވެގެންގޮސްފައިވަނީ ލިބުނު ބޮޑު ކުރިއެރުމަކަށްކަމަށެވެ. އަދިވެސް އިތުރު ކުޅިވަރުތަކުގެ ވަސީލްތައް ތަރައްގީ ކުރާނެކަމަށް މަހުލޫފް ވިދާޅުވި އެވެ.
National Billiard Centre is now open,a major step in our efforts to develop intl. standard sporting facilities. Thank the exco of @maldivespool for their support in developing this great facility. We’ll be developing different sports infrastructures;numbers & requests matter too. pic.twitter.com/6w7xpNqmkR
— Ahmed Mahloof (@AhmedMahloof) May 1, 2021
ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމްކުރާނެކަމުގެ އުފާވެރި ހަބަރު މިނިސްޓަރު މަހުލޫފް ދެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. އޭރު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރު ނިމުމުގެ ކުރިން ފެސިލިޓީގެ މަސައްކަތް ނިންމާލަން މަސައްކަތްކުރައްވާނެކަމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މަސައްކަތަށް ބުރޫ އަރައި ރަސްމީކޮށް ހުޅުވުން މިއަހަރަށް ފަސްވީ އެވެ.
މުނިފޫހިފިލުވުމުގެ ކުޅިވަރެއްގެ ގޮތުގައި ޒުވާނުން މީގެ ކުރިން ބިލިއާޑް ކުޅެމުންދިޔަ ނަމަވެސް ރަސްމީ މުބާރާތްތައް ބާއްވައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭން ވާދަކުރަން ފެށީ އެ ކުޅިވަރަށް އެސޯސިއޭޝަނެއް ވުޖޫދުވި ފަހުންނެވެ. މިހާރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާއިރު 2019 އަހަރު ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ބިލިއާޑް ޓީމަށް ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައިދީފަ އެވެ. އަލަށް ހުޅުވި ބައިނަލްއަގްވާމީ ފެންވަރުގެ ބިލިއާޑް ފެސިލިޓީއާ އެކު ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
Advertisement
Leave a Reply