ކްރިސްޓަލް ޕެލެސް ބަލިކޮށް ސިޓީން ލިވަޕޫލަށް ގޮތް ނިންމަން ދޫކޮށްލައިފި

Advertisement

ކްރިސްޓަލް ޕެލެސް ބަލިކޮށް ސިޓީން ލިވަޕޫލަށް ގޮތް ނިންމަން ދޫކޮށްލައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 2-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް މެންޗެސްޓަރ ސިޓީ އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ސިޓީގެ މި މޮޅާއެކު ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ލިވަޕޫލް އަތުން ބަލިވެއްޖެ ނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. މާދަމާ ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު މިއީ ވާދަވެރި މި ދެޓީމުގެ ކުރިމަތިލުން އިތުރަށް ހާއްސަ ވާނެ ސަބަބެކެވެ.

ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. މާދަމާ ރޭ ބަލިނުވެ ފަރުޖައްސާލައިގެން ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބޭނެ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 63 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

ކްރިސްޓަލް ޕެލޭސް ކޮޅަށް ސިޓީން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ގާތްގަނޑަކަށް ދެ މިނެޓު ތެރޭ އެޓީމަށް މި ލަނޑުތައް ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ސާޖިއޯ އަގުއޭރޯ އާއި ފެރާން ޓޮރޭސް އެވެ.

މިއަދުގެ މެޗަކީ ފަހަކަށް އައިސް ސިޓީ ޓީމުގައި އަގުއޭރޯ 90 މިނެޓު ހަމަކުރި ފުރަތަމަ މެޗެވެ. 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވުމަށް ފަހު އެޓީމުން ހޯދި ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އުމުރުން 32 އަހަރުގެ އަގުއޭރޯ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. މެޗަށް ފަހު އަގުއޭރީ ބުނީ އޭނާގެ ގޯލަކާ އެކު ސިޓިން އަނެއްކާ ވެސް ތަށި ހޯދުމާ ގާތަށް ޖެހިލުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

“ވަރަށް ދުވަސްކޮށްފައި 90 މިނެޓު ފުރިހަމަ ކުރެވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އަދި އަހަރެން ޖެހި ގޯލަކީ ލީގު ހޯދުމަށް ލިބުނު އިތުރު ފުރުސަތެއް. އަހަރެން އަބަދުވެސް ހުންނާނީ ތައްޔާރަށް. މިއަދު ގޮތަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އަހަރެން ހިފާނަން” އާޖެންޓީނާ އަށް އުފަން ފޯވާޑް މެޗަށް ފަހު ބުންޏެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެޓީމަށް ލީގު ގާތްގަނޑަކަށް ކަށަވަރުވެފައިވާކަމަށާއި، އެކަމަކު އުފާފާޅުކުރަން އަދި ނުފަށާނެ ކަމަށެވެ.

ސިޓިން މި ސީޒަނުގެ ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި 2-1 އިން ޕީއެސްޖީ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރުސަތު އެޓީމުން މިހާރު ވަނީ ބޮޑުކޮށްފަ އެވެ.

ލީގު ހޯދުމާ ގާތަށް ސިޓި ޖެހިލިއިރު މާދަމާ ރޭ ޔުނައިޓެޑް ބަލިނުވެއްޖެ ނަމަ ލީގުގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ވެސް ސިޓީ އަށް މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *