ޓީނޭޖުން ރޭޖް ސްޕޯޓްސް ހަވަރަށް ދީފި!

އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުލަބް ޓީނޭޖުން، ރޭޖް ސްޕޯޓްސް ކުލަބު 12-2 އިން ބަލި ކޮށްފި އެވެ. މިއީ މިއަހަރުގެ މުބާރާތުގައި މިހާ ގިނަ ލަނޑު އެއްޓީމަކުން އެއް މެޗެއްގައި ޖެހި ފުރަތަމަ ފަހަރެވެ.
ޖުމްލަ 14 ލަނޑު ފެނުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 3-2 އިން ޓީނޭޖް ކުރީގައި އޮވެގެންނެވެ. ޓީނޭޖުން ވަނީ ފުރަތަމަ 15 މިނިޓު ތެރޭގައި ތިން ލަނޑު ޖަހައިދީފަ އެވެ. އަށްވަނަ މިނިޓުގައި އަލީ މުނާޒް ފުރަތަމަ ލަނޑު ޖަހައިދިން އިރު 11 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ އުޝާމް ޢަބްދުﷲ އެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މުނާޒް އެވެ.
ރޭޖް ސްޕޯޓްސް އިން ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ދެ ލަނޑު ޖަހައި، ފަރަގު ކުޑަ ކޮށްފަ އެވެ. އެޓީމުން ޖެހި ފުރަތަމަ ލަނޑު 32 ވަނަ މިނިޓުގައި ހިޝާމް ހަސަން ވަހީދު ކާމިޔާބު ކޮށްދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން އާދަމް އަޒްމީނެވެ.
ފުރަތަމަ ހާފަށް ވުރެން ދެވަނަ ހާފުގައި ޓީނޭޖް ފެނިގެން ދިޔައީ މާ ނުރައްކާކޮށެވެ. ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޓީނޭޖުގެ އަހުމަދު ޖައިލަމް އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދިންއިރު، އޭގެ ދެ މިނިޓު ފަހުން، 50 ވަނަ މިނިޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ހުސައިން ނާފިޒް (މިކީ) އެވެ. މި ގޯލަށް ފަހު މުނާޒްގެ ބަދަލުގައި ޓީނޭޖްގެ ބިދޭސީ ފޯވަޑް ރިފާތު މުހައްމަދު ކުޅެން އެރުވިތާ މިނިޓެއް ތެރޭ އޭނާ ވަނީ އެޓީމުގެ ހަވަނަ ލަނޑު ޖަހައިދީފަ އެވެ. ޓީނޭޖުގެ ހަތްވަނަ ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި ޖަހައިދިނީ ޔާސިރު ރަގީބް (ޔާޓޭ) އެވެ.
މި ލަނޑު ޖެހިތާ 18 މިނިޓަށް ފަހު، 71 ވަނަ މިނިޓުގައި ރިފާތު ވަނީ އިތުރު ގޯލެއް ޓީނޭޖަށް ޖަހައިދީފަ އެވެ. އޭގެ މިނިޓެއް ފަހުން އެޓީމުގެ ނުވަވަނަ ލަނޑު ޖަހައިދިނީ އަހުމަދު އަމާން އިގުބާލެވެ. އަދި އެއަށް ފަހު ޖައިލަމް އިތުރު ދެ ގޯލު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، ރިފާތު ވެސް ވަނީ ޓީނޭޖުގެ 12 ވަނަ ލަނޑާއެކު އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މި ނަތީޖާއާއެކު ޓީނޭޖުން ކުއާޓާގެ ޖާގަ ކަށަވަރު ކުރީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ތިން ޓީމު ހިމެނޭ ގުރޫޕް 4ގެ ފުރަތަމަ މެޗުގައި ޓީނޭޖުން ވަނީ ކުލަބް އޯވަންއޯ 4-1 އިން ބަލި ކޮށްފަ އެވެ. ގުރޫޕުގެ ދެވަނައަށް ދާ ޓީމެއް ޔަގީން ވާނީ ފަހު މެޗުގައި އޯވަންއޯ އާއި ރޭޖް ސްޕޯޓްސް ބައްދަލުކުރާ މެޗަށް ފަހު އެވެ. މިމެޗް އޮންނާނީ މެއި 11 ވަނަ ދުވަހުގެ ރެއެވެ.
މުބާރާތުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް 1ގެ ސީބީއެލް ސްޕޯޓްސް އާއި ތުޅާދޫ އެވެންޗާސް އެވެ. މިމެޗަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދާން މި ދެޓީމަށް ވެސް ކާމިޔާބުކުރުން މުހިއްމު މެޗެކެވެ.
Advertisement


Leave a Reply