ވިލިމާލެ އާއި ލޮރެންޒޯ ބައްދަލުކުރި ވާދަވެރި މެޗު އެއްވަރުވެއްޖެ

Advertisement

ވިލިމާލެ އާއި ލޮރެންޒޯ ބައްދަލުކުރި ވާދަވެރި މެޗު އެއްވަރުވެއްޖެ

ފަހުމިނެޓް
ވިލިމާލެ ޔުނައިޓެޑްގެ އަހުމަދު އަނީސް (ކ)، ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ އަހުމަދު ރަސްލާން ހަމީދު (ވ) އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. - ފޮޓޯ: އެފްއޭއެމް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ގުރޫޕް 2 ގެ ވިލިމާލޭ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ފޯރި ގަދަ ކުޅުމެއް ފެނުނު މިމެޗު އެއްވަރުވީ 3-3 އިންނެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ވިލިމާލެ ކުރީގައި އޮވެގެންނެވެ. ވިލިމާލެ ޔުނައިޓެޑަށް މެޗުގެ 18 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ފޯވަޑް ހަސަން ނަސީރެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުތެރޭ ލޮރެންޒޯގެ ކެޕްޓަން ތާހާ ޔޫސުފް ވަނީ އެޓީމަށް ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އޭގެ ދިހަ މިނިޓު ފަހުން ލޮރެންޒޯ އިން ވަނީ އިތުރު ލަނޑެއް ޖަހާ، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ފޯވަޑް އާދަމް ނުޒައިރެވެ.

ލޮރެންޒޯއިން ލީޑު ނެގިތާ ފަސް މިނިޓު ފަހުން ވިލިމާލޭ ޔުނައިޓެޑުގެ ކެޕްޓަން ހުސައިން ރަޝީދު މޫސާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ވިލިމާލެއިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ މެޗުގެ 77 ވަނަ މިނިޓުގައެވެ. ލޮރެންޒޯގެ ޑިފެންޑަރ އަހުމަދު އަޖުވަދު ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީ ވިލިމާލޭ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ފޯވަޑް ޢަބްދުﷲ އިލްހާމެވެ.

ލޮރެންޒޯއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 83 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އައިމަން ތައުފީގެވެ. މި ލަނޑު އައިމަން ކާމިޔާބުކުރީ ބަދަލިކުޅުންތެރިއެއް ގޮތުގައި އޭނާ ކުޅެން ނުކުތްތާ މިނެޓެއްތެރޭގައެވެ.

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕް 3 ގެ މެޗެކެވެ. މިރޭ 10 ޖަހާއިރު މާފަންނު އެއް ނަންބަރު ޓާފުގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކުލަބް ހޮސްކޯވޯއާއި ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *