ސުޕަ ލީގު އުފެއްދީ ފުޓްބޯޅަ ސަލާމަތްކުރަން: ރެއާލްގެ ރައީސް

ޔޫރަޕިއަން ސުޕަ ލީގު އުފެއްދީ ފުޓްބޯޅަ ސަލާމަތްކުރަން ކަމަށް މުބާރާތުގައި ބައިވެރިވެފައިވާ 12 ކްލަބްގެ ތެރޭގައި ހިމެނޭ އެއް ކްލަބްކަމަށްވާ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.
ޕެރޭޒް ބުނެފައިވާ ގޮތުގައި ސުޕަ ލީގު އުފައްދަންޖެހުނު މައިގަނޑު ސަބަބަކީ ފެންވަރު ދަށް ގިނަ މެޗުތަކެއް ބަލަންޖެހުމުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ނެތުމުން އަންނަކަން ފާހަގަވުމެވެ.
“ކޮންމެ ބަދަލެއް ކޮންމެ އިރަކު ގެނަޔަސް އެކަމާ ދެކޮޅުވާނެ މީހުން އަބަދުވެސް ތިބޭނެ. އަހަރެން މިކަން މިކުރަނީ މި ނާޒުކު ދަނޑިވަޅުގަ ފުޓްބޯޅަ ސަލާމަތްކުރަން.” ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ޕެރޭޒް ބުނެފައިވެ އެވެ.
“އަހަރެމެން ޗެމްޕިއަންސް ލީގާއެކު ކުރިއަށް ގޮސްފި ނަމަ ފުޓްބޯޅައަށް މީހުންގެ އޮންނަ ޝައުގުވެރިކަން ދަށްވަމުން ގޮސް އެންމެ ފަހުން އެކަން އެއްކޮށް ނެތިގެން ހިގައިދާނެ. ޗެމްޕިއަންސް ލީގުގެ ފޯމެޓަށް 2024 ވަނަ އަހަރު ގެންނަން ނިންމާފައިވާ ބަދަލު އެއްގޮތަކަށްވެސް ކަމަކު ނުދޭ. 2024 އަންނައިރު އަހަރެމެން ތިބޭނީ ހަނާވެފަ.” ޕެރޭޒް ބުންޏެވެ.
ޔޫއެފާ އިން އިއްޔެ ވަނީ 36 ޓީމު ބައިވެރިކޮށްގެން އާ ފޯމެޓަށް 2024 ވަނަ އަހަރު ފަށާ ޗެމްޕިއަންސް ލީގުގެ ޕްލޭން އާންމުކޮށްފަ އެވެ. މުބާރާތުގެ އާ ފޯމެޓްގައިވާ ގޮތުން ފުރަތަމަ ބުރުގައި ކޮންމެ ޓީމަކުންވެސް އެކި ފެންވަރުގެ 10 ޓީމަކާ ދެކޮޅަށް މެޗުތައް ކުޅޭނެ އެވެ. ފުރުތަމަ ބުރުގައި ކުޅޭ މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމަށް ދެވަނަ ބުރުގެ އޮޓަމެޓިކް ޖާގަ ކަށަވަރު ވާނެ އެވެ. ބާކީ އަށް ޓީމު ހޮވާނީ ދެން އެންމެ ގިނަ ޕޮއިންޓް ހޯދާ 16 ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗުތަކަކަށް ފަހު އެވެ.
“50 ގެ އަހަރުތަކުގެ ތެރޭގައިވެސް މިކަހަލަ ހާލަތެއް ކުރިމަތިވި. އެ ދުވަސްވަރު ތައާރަފްކުރި ޔޫރަޕިއަން ކަޕަށް ފީފާ އާއި ޔޫއެފާއިން ހެދީ ދެކޮޅު. އެކަމަކު އެ މުބާރާތް އެންމެ ފަހުންވީ ފުޓްބޯޅަ ބަދަލުކޮށްލި މުބާރާތަށް.” ޕެރޭޒް އިތުރަށް ބުނެފައިވެ އެވެ.
ރެއާލްގެ ރައީސް ޕެރޭޒް ފާހަގަކުރި ގޮތުގައި ޔޫރަޕިއަން ސުޕަ ލީގު ހަގީގަތަކަށް ހަދަން ކުރަމުން އައި މަސައްކަތް ކުރިން ރާވާފައި އޮތްވަރަށްވުރެ އަވަސްކުރަން ޖެހުނީ ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކުރިމަތިވަމުން އައި މާލީ ގެއްލުންތަކުގެ ސަބަބުންނެވެ. ޕެރޭޒް ބުނި ގޮތުގައި ޒުވާނުންގެ 40 އިންސައްތަ މީހުން ފުޓްބޯޅަ ބަލަން މިހާރު ޝައުގުވެރިކަން ނުބަހައްޓާ ކަމަށާއި ޕެންޑަމިކްގެ ސަބަބުން 400 މިލިއަން ޔޫރޯގެ ގެއްލުން ކްލަބަށް ކުރިމަތިވެފައިވާ ކަމަށެވެ.
“ޓީވީން މެޗުތައް ދައްކައިގެން ލިބޭ އާމްދަނީ ފިޔަވައި އާމްދަނީ ހޯދޭނެ އެހެން ގޮތެއް ނެތުމުން އެބަ ޖެހޭ އެކަމަށް ހައްލެއް ހޯދަން. އެކަން ކުރެވެން އަންނަނީ ދުނިޔޭގެ ގިނަ ބަޔަކު ބަލާ ހިތްވާ ކަހަލަ މެޗުތަކެއް ރޭވިގެން.” ޕެރޭޒް ބުނެފައިވެ އެވެ.
ޕެރޭޒްގެ ވާހަކަ މިހެން ހުއްޓަސް ފީފާ އާއި ޔޫއެފާގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ މުބާރާތާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ފައިސާގެ ނުފޫޒުން ހިނގަމުން އަންނަ ކަންތައްގަނޑެއް ކަމަށާއި، މިކަމުގެ ސަބަބުން ޑޮމެސްޓިކް ލީގުތައް ހަލާކުވެގެންދާނެ ކަމަށެވެ.
Advertisement


Leave a Reply