ޔޫރަޕިއަން ސުޕަ ލީގް މައްސަލައިގައި ދެން ވާނީ ކިހިނެއް؟

Advertisement

ޔޫރަޕިއަން ސުޕަ ލީގް މައްސަލައިގައި ދެން ވާނީ ކިހިނެއް؟

ޢަބްދުﷲ އަޝްރަފް

ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި މުބާރާތެއް ތައާރަފްކޮށް އެ މުބާރާތުގައި ޔޫރަޕްގެ 12 ކްލަބަކުން ބައިވެރިވި ހަބަރަކީ މިވޭތުވެތިޔަ 48 ގަޑި އިރުގެ ތެރޭގައި ފެތުރިގަތް ކުޅިވަރުގެ އެންމެ ހޫނު ހަބަރެވެ. ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުން އެ މީހުންގެ ޕްލޭނާ އެކު ބާރު ލާފައި ކުރިއަށްދާއިރު އެކަމާ ދެކޮޅު ފަރާތްތަކުން އަންނަނީ މުބާރާތް “ފަނިކުރުމަށްޓަކައި” ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. މި މައްސަލައިގައި ފުޓްބޯޅައިގެ ތަޖުރިބާކާރު އެކި ބޭފުޅުން ގިނަ ހިޔާލުތަކެއް ފާޅުކޮށްފައިވާއިރު ފެންނަން އޮތް އެއް ކަމަކީ ގިނަ ބަޔަކު މިކަމާ ދެކޮޅު ކަމެވެ. މިއާއެކު ދެން ކަން ވާނެ ގޮތް އެގެން ބޭނުންވާ އެތައް ބަޔަކުވެސް އެބަތިއްބެވެ. އެހެންކަމަށްވުމާއެކު މި އާޓިކަލްގައި މި ގެނެސްދަނީ ބީބީސީ ސްޕޯޓްސްގައި ޝާއިއުކޮށްފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކިޔުންތެރިންގެ ހިތުގައި އުފެދިދާނެ ބައެއް ސުވާލާއި އޭގެ ޖަވާބެވެ.

ނިކުމެދާނެ ނުރަގަޅު ނަތީޖާއަކަށް ލީގުގައި ބައިވެރިވި 12 ޓީމުން އޮތީ ތައްޔާރަށްތަ؟

އާއެކެވެ. މި ހުރިހާ ކްލަބަކަށްވެސް މުބާރާތުގައި ބައިވެރިވެއްޖެ ނަމަ ވެދާނެ ގާތްގަނޑަކަށް ހުރިހާ ގޮތެއް އެނގެ އެވެ. އަދި، އެ މީހުން ތިބީ އަކީ މިކަންކަމާ މެދު ނުވިސްނަ އެއްވެސް ނޫނެވެ. އެ ކްލަބްތަކުން މަޑުކޮށްގެން އެ ތިބީ އެ މީހުންގެ ނިންމުމުގެ ސަބަބުން އުފެދޭނެ ތޫފާން ބޯމައްޗަށް އަރައި އޭގެ އަސަރު ހުރި ވަރެއް ބަލާށެވެ. އެއަށްފަހު އެ މީހުން ނިންމާފައި އޮތީ ފީފާ އާއި، ޔޫއެފާގެ އިތުރުން މިކަމާ ގުޅުންހުރި އެހެން ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކައި އެ މީހުންގެ ޕްލޭން ހިއްސާކުރާށެވެ. ފީފާ އާއި ޔޫއެފާ ފަދަ އިދާރާތަކާ ދެކޮޅަށް ކަމެއް ކުރުމަކަށް މިއިން އެއްވެސް ކްލަބެއްގެ ނިޔަތެއް ނެތެވެ. އެ މީހުން ތިބީ އެ ހުރިހާ ފަރާތްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރާށެވެ.

ގާނޫނީ ގޮތުން ނުކުމެދާނެ މައްސަލަތަކަކީ ކޮބާ؟

ސުޕަ ލީގުގައި ޔޫރަޕްގެ 12 ކްލަބަކުން ބައިވެރިވި ހަބަރު ފެތުރިގަތްތާ 24 ގަޑިއިރުވެސް ނުވަނީސް ޔޫއެފާގެ ރައީސް އެލެކްޒެންޑާ ކެފެޜެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބް ޔޫރަޕްގެ ހުރިހާ މުބާރާތަކުން ސަސްޕެންޑް ކުރަން ބޭނުންވާ ކަމަށާއި އަދި ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ޔޫރަޕްގެ މުބާރާތެއްގައި ނުކުޅެވޭ ގޮތް ހަދަން ބޭނުންވާ ކަމަށެވެ. ސުޕަ ލީގުގައި ބައިވެރިވެފައިވާ 12 ކްލަބްގެ ތެރެއިން ފަސް ކްލަބެއް ވަނީ މިހާރު ކުރިއަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަންނަ ހަފްތާގައި މި ދެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު މުބާރާތުގެ މިހާ ހިސާބުން ކްލަބްތައް މުބާރާތުން ވަކިކުރުމަކީ ގާނޫނީ ގޮތުން ޔޫއެފާ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއްކަން އެ މީހުންނަށްވެސް ގަބޫލްކުރެވޭތީ ޔޫއެފާ އިން އަންނަނީ އެ އިދާރާގެ ގާނޫނީ ވަކީލުންނާއި ކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގުގެ މިހާ ހިސާބުން ކްލަބްތައް ވަކިކޮށްފާނެތޯ ސުވާލުކުރުމުން ޔޫއެފާގެ ރައީސް އެކަން އެއީ ނުވާނެ ކަމެއް ކަމަކަށް ވިދާޅުވެފައެއް ނެތެވެ.

ފީފާ އިން މިކަމުގައި ބުނަނީ ކީކޭ؟

ޔޫރަޕިއަން ސުޕަ ލީގާ ގުޅޭ ގޮތުން އާދީއްތަ ދުވަހުގެ ރޭ ފީފާ އިންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފީފާގެ ރައީސް ޖިއާމީ އިންފަންޓީނޯ ވިދާޅުވެފައިވަނީ އެ މުބާރާތް އެ އިދާރާ އިން ބަލައިނުގަންނަ ކަމަށެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ފީފާ އިން ނެރުނު ބަޔާނަކީ މުބާރާތަށް ދިން ވަރަށް ފިނި ރައްދެކެވެ. އެކަމަކު މި މައްސަލައާ ގުޅޭގޮތުން މިއަދު އޮންނަ ޔޫއެފާ ކޮންގްރެސްގައި ފީފާގެ ރައީސް އިތުރަށް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެ އެވެ. މައްސަލައާ ގުޅޭގޮތުން ޔޫއެފާ ގެ ރައީސް ކެފެރައިން ވާހަކަދައްކަވާފައިވާ މޭރުމުން ވަރަށް ސާފުކޮށް ފީފާ އިން އަޅާނެ ފިޔަވަޅުތައް ބަޔާން ނުކުރާހާ ހިނދަކު ޔޫރަޕިއަން ސުޕަ ލީގު ހުއްޓުވުމަކީ އުދަގޫކަމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނިމުންތަ؟

ސުޕަ ލީގުގައި ވާދަކުރާ 12 ކްލަބާއި، ޔޫއެފާ އިން އެއްބަސްވާ މަދު ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ސުޕަ ލީގު ކުރިޔަށް ދިޔަ ކަމުގައި ވިޔަސް އެ މުބާރާތުގައި ބައިވެރިވާ އެއްވެސް ކުލަބަކުން ނިންމާ ނިންމުމަކާ ހެދި ޗެމްޕިއަންސް ލީގު ކުރިއަށް ނުގޮސް ނޯންނާނެ ކަމެވެ. ސުޕަ ލީގުގައި ބައިވެރިވާ ކްލަބްތަކުން ބުނާ ގޮތުގައި އެ މީހުން ބައިވެރިވާ އިތުރު މުބާރާތެއްގެ ސަބަބުން ޗެމްޕިއަންސް ލީގު އުވެންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި އެ ކްލަބްތަކުން ގަބޫލްކުރާ ގޮތުގައި މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރުމަށް އިތުރު ޓީމްތަކަށް ފުރުސަތު ފަހިވެގެންވެސް ދާނެ ކަމެކެވެ. އެކަމަކު ޔޫއެފާގެ ވެރިންގެ ވިސްނުން މިއާ މުޅިން އެއްގޮތެއް ނޫނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ޔޫއެފާ  ޗެމްޕިއަންސް ލީގަކީ ޔޫރަޕްގައި ކުޅޭ ނަންބަރ ވަން ކްލަބް ފުޓްބޯޅަ މުބާރާތެވެ. އަދި، އެކަން ކުރިއަށް އޮތްތާގައިވެސް އޮންނަން ވާނީ އެގޮތަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *