ގްރީން ސްޓްރީޓްސް އާއި އީގަލްސް އެއްވަރު

Advertisement

ގްރީން ސްޓްރީޓްސް އާއި އީގަލްސް އެއްވަރު

ޢަލީ ޝަހީމް
ރޭގެ މެޗުގައި އީގަލްސްގެ އަސްހަދު އަލީ (އަޑޭ) ބޯޅަ ހޯދަން މަސައްކަތްކުރަނީ. މިއީ 2018 ވަނަ އަހަރުގެ ފަހުން މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ ފަހަރު. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗަށް އީގަލްސް ޓީމު ނުކުތީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ބިދޭސީ ތިން ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އަނެއްކޮޅުން އެޓީމުން މިދިޔަ ދުވަސްތަކުގައި ތައްޔާރުވަމުން ދިޔައީ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އިއްޔެ ކުޅެން އޮތް މެޗަށެވެ. އެކަމަކު އެ މެޗު މި މަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި ކުޅޭގޮތަށް ހަމަޖެހުމުން ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަދަލު ގެނެސް އީގަލްސް މެޗު އަވަސްކުރީ އެވެ.

Advertisement

ރޭގެ މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އަށް ޕޮއިންޓުގެ ގޮތުން ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ ހަމަކުރެވުނީހެވެ. އަދި، ގްރީން ސްޓްރީޓްސް ބަލިކޮށްގެން އީގަލްސް އަށް ގަދަ ހައެއްގައި އޮތުމުގެ އަމިއްލަ ބާރު އޮތީ ލިބިފަ އެވެ. ޕޮއިންޓަކުން ދެޓީމު ފުއްދާލިއިރު ގްރީން ސްޓްރީޓްސް އޮތީ 13 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އީގަލްސް އަށް 11 މެޗުން ލިބިފައިވާ 13 ޕޮއިންޓާ އެކު އޮތީ ހަ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ މާޒިޔާ އެވެ.

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ޔާން (ކ) އުފާފާޅުކުރަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ފުރަތަމަ ހާފުގެ ކުރީކޮޅު އީގަލްސް އިން މެޗުގައި ލީޑު ނަގައިދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ. މިއީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނާއިމް ހޯދިއިރު، ފަހަކަށް އައިސް އޭނާ އަންނަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހަމުންނެވެ. ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާން) އެވެ. އޭރިޔާގެ އަރިމަތިން ލިބުނު ޖެހުމެއް ޔާން ފޮނުވާލުމުން ގޯލުގެ ކައިރި ކަނަށް ވަނީ އީގަލްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ.

މެޗަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ގަދަ ހައެއް ކަށަވަރުކުރަން ތިން ޕޮއިންޓް ވަރަށް މުހިއްމުވި ކަމަށާއި ޕޮއިންޓެއް ލިބުމުން އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ. ލީގު ކުރިއަށްދާގޮތަށް ބަލާއިރު ސަސްޕެންޝަނާއި އަނިޔާގެ މައްސަލަތައް އަންނާނެކަމަށް ޝާޒް ފާހަގަކޮށްފައިވެއެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ތިން ޕޮއިންޓަށް މަސައްކަތްކުރި ކަމަށާއި، އެކަމަކު މެޗު ދިޔަގޮތަށް ބަލާއިރު ޕޮއިންޓަކުން ފުއްދާލަން ޖެހުމުން މި ހާލަތުގައި ރަނގަޅުކަމަށް ނިސްތާރު ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ މިރޭ 10:00 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *