ޔޫރޮޕާ ލީގުގައިވެސް ޕްރިމިއާ ލީގުގެ ބާރު ގަދަކޮށްފި

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ މެޗްތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި، އާސެނަލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. މފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅޭނެ ޓީމްތައްވެސް މިހާރު ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައިވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ޓީމްކަމަށްވާ މެންޗެސްޓާ ސިޓީ އާއި، ޗެލްސީ ހިމެނެ އެވެ.
މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައިވެސް ވާދަކޮށް ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވި ޔުނައިޓެޑް މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލްގައި ސްޕެއިންގެ އެހެން ކްލަބެއް ކަމަށްވާ ގްރާނާޑާ އާ ވާދަކޮށް ދެ ލެގުވެސް 0-2 އިން ކާމިޔާބުކޮށްގެންނެވެ. އެއާ ހިލާފަށް އާސެނަލުން ސެމީ ފައިނަލްގެ ޖާގަ އެއް ހޯދައިފައި މިވަނީ ފުރަތަމަ ލެގުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާ އާ ވާދަކޮށް ކުޅުނު ފުރަތަނަ ލެގުގެ މެޗު 1-1 އިން އެއްވަރުވެފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު 0-4 އިން ކާމިޔާބުކޮށްގެންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ގްރާނާޑާ އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނެޓްގައި ޕައުލް ޕޮގްބާ ދިން ބޯޅައަކުން ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ގްރާނާޑާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އާސެނަލުން ރޭ ސްލާވިއާ ޕްރާހާ އާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓްގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓް ފަހުން މެޗުގެ ދެވަނަ ގޯލް އާސެނަލުން ކާމިޔާބުކުރީ އެ ޓިމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އާސެނަލްގެ ބުކާޔޯ ސަކާ އަށް ސްލާވިއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ އެލެގްޒެންޑާ ލަކާޒޭ އެވެ. މެޗުގެ ތިންވަނަ ލަނޑު 24 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސަކާ އެވެ. އާސެނަލްގެ ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކުރީ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ފްރާންސްގެ ފޯވާޑް ލަކާޒޭ އެވެ.
ރޭ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އަނެއް ދެ ޓީމަކީ އަޔަކްސް އެމްސްޓެޑަމް އާ ވާދަކޮށް ކުރި ހޯދި ރޯމާ އާއި ޑައިނަމޯ ޒެގްރެބް އާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދި ވިޔަ ރެއާލް އެވެ. ސެމީގައި ޔުނައިޓެޑަށް އިޓަލީގެ ރޯމާ އާއި ބައްދަލުކުރަން ޖެހޭ އިރު އާސެނަލް ވާދަކުރާނީ ސްޕެއިންގެ ވިޔަ ރެއާލް އާ އެވެ.
Advertisement


Leave a Reply