ލިވަޕޫލް ކަޓައިފި، ރެއާލް އާއި ސިޓީ ސެމީއަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުގެ ސަބަބުން ލިވަޕޫލް މުބާރާތުން ކެޓިއިރު ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ރޭ ވެސް ކުރި ހޯދައި މެންޗެސްޓާ ސިޓީން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް އިން އަމިއްލަ ދަނޑުގައި 1-3 އިން ލިވަޕޫލް ބަލިލޮށްފައިވާއިރު ރޭ ލިވަޕޫލްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު އެއްވަރުވީ 0-0 އިންނެވެ. އަނެއްކޮޅުން ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 1-2 އިން ޖަރުމަނުގައި ސިޓީން ރޭ ކުރި ހޯދި އިރު މީގެ ހަފްތާއެއްހާ ދުވަސްކުރި އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުންވެސް ސިޓީ މޮޅުވީ ހަމަ މި ނަތީޖާ އިންނެވެ.
މިހާތަނަށް މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް އާ ދެކޮޅަށް މުބާރާތުގެ ތަށި ހަ ފަހަރު އުފުލާލައިފައިވާ ލިވަޕޫލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލަން ރަގަޅު ގިނަ ފުރުސަތުތަކެއް އެ ޓީމަށް ލިބުނެވެ. މެޗުގެ ކުރީކޮޅު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އާއި އިނގިރޭސި ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް ރެއާލްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ ހުށިޔާރުކަމާއެކު މަތަކުރި އިރު މިލްނާ އަށް ގޯލް ޖަހަން ލިބުނު އެހެން ފުރުސަތަކާއި ނެދަލޭންޑްސްގެ ވައިނޯޑަމް އަށް ލިބުނު ފުރުސަތެއް ވަނީ ބޭކާރުކޮށްލައިފަ އެވެ. މެޗުގެ ފަހު ހާފުގައިވެސް ލިވަޕޫލަށް ގޯލެއް ޖަހަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަވެސް ރެއާލްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ރޭގެ މެޗުގައި ރެއާލް އަށް ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އަށެވެ. ބެންޒެމާ ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ގޯލް ދަނޑީގަ އެވެ.
މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ރޭ ވާދަކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޑޯޓްމަންޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓްގައި މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 17 އަހަރުގެ އިނގިރޭސި ފޯވާޑް ޖޫޑް ބެލިންހަމް އެވެ. ޑޯޓްމަންޑްގެ ލަނޑާއެކު ސިޓީން ނަތީޖާ ހަމަހަމަކުރުމަށްޓަކައި ވަރަށް ވަރުގަދައަށް މަސައްކަތްކުރިތަން ފެނުނެވެ. އެގޮތުން ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ފޮނުވާލި ބާރު ބޯޅައެއް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު ރިޔާދު މާރޭޒް ފޮނުވާލި ހަމަލާއެއް ޑޯޓްމަންޑްގެ ކުޅުންތެރިން ސަލާމަތްކުރީ ގޯލް ރޮނގުމަތިންނެވެ.
ސިޓީން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ 55 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޑޯޓްމަންޑްގެ ކުޅުންތެރިޔަކު ޕެނަލްޓީ އޭރިޔާގެ ތެރެއިން ބޯޅައިގައި އަތްލުމުގެ ސަބަބުން ލިބުނު މި ޕެނަލްޓީ ގޯލަށް ވައްދާލީ މާރޭޒް އެވެ. މެޗްގައި ސިޓީން ޖެހި ދެވަނަ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިނގިރޭސި ފޯވާޑް ފިލް ފޯޑަން އެވެ. ފުރަތަމަ ލެގުގައިވެސް ސިޓީ މޮޅުކޮށްދިން ލަނޑުވެސް ކާމިޔާބުކުރީ އުމުރުން 20 އަހަރުގެ ފޯޑަން އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ އެއް މެޗުގައި ރެއާލް މެޑްރިޑް އާއި ޗެލްސީ ވާދަކުރާއިރު އަނެއް މެޗުގައި ވާދަކުރާނީ ސިޓީ އާއި ޕީއެސްޖީ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އޮންާނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހުގެ ރެ އެވެ.
Advertisement
Leave a Reply