ދަ ގްރާންޑޭ ސިއްސުވާލުމަށްފަހު ޔޫވީން ފުރަތަމަ މޮޅު ހޯދައިފި

Advertisement

ދަ ގްރާންޑޭ ސިއްސުވާލުމަށްފަހު ޔޫވީން ފުރަތަމަ މޮޅު ހޯދައިފި

ޢަލީ ޝަހީމް
ޔޫވީގެ އީސަ އަތުން ބޯޅަ ހޯދަން ދަ ގްރާންޑޭގެ ސައްމެ މަސައްކަތްކުރަނީ. ޔޫވީ ހޯދި ފުރަތަމަ މޮޅުގައި އީސަ ތަފާތު ދެއްކި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 4-1 ގެ ބޮޑު ތަފާތަކުން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މަޝްހޫރު ކުޅުންތެރިން ޓީމަށް އިތުރުކޮށް ޔޫވީ ސީޒަނަށް ނުކުތީ ލީގުގެ ގަދަ ތިނަކަށް އަމާޒު ހިފައިގެންނެވެ. އެކަމަކު ލީގުގެ ކުރީކޮޅު އެޓީމުގެ ފޯމު ދަށްވެ ފުރަތަމަ 11 މެޗުން މޮޅެއް ނުލިބުނެވެ. ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު އެޓީމަށް ވަނީ 12 މެޗުން 6 ޕޮއިންޓް ލިބިފަ އެވެ. އެޓީމު އަދިވެސް ފުލުގައި އޮތްއިރު އޭގެ މަތިން އޮތް ޓީސީ ސްޕޯޓްސް ކްލަބާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް އީގަލްސް އިން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ދަ ގްރާންޑޭ މިއަދުގެ މެޗުން ބަލިވުމުން ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ޔޫވީ އަތުން ބަލިވުމުން 12 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.

މެޗަށް ނުކުތްއިރު ސަސްޕެންޝަނުގެ ސަބަބުން ދަ ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އަލީ އިފާޒްގެ އިތުރުން ޔޫވީގެ އަހުމަދު ވިޝާމް (ޖަރާޑް) ހުރީ ސަސްޕެންޝަނުގަ އެވެ. މި ތިން ކުޅުންތެރިން ސަސްޕެންޑްވީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި ރަތް ކާޑުތަކާއި ގުޅިގެންނެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހާއު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖެހިއިރު ދެ ވަނަ ލަނޑު ތިން މިނެޓު ފަހުން ޖެހީ ބިދޭސީ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އެވެ. ޔޫވީން ދެ ވަނަ ހާފުގައި ފަރަގު ބޮޑު ކުރީ ވެސް މި ދެކުޅުންތެރިންގެ ލަނޑުތަކުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި އީސަ ޔޫވީގެ ތިން ވަނަ ލަނޑު ޖެހިއިރު ހަތަރު ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖެހީ އަނަޓޯލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫވީގެ އީސަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ސަސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *