ފަހުމިނެޓްގައި މޮޅުވިޔަސް ސިޓީއަށް އޮތް ނުރައްކާ ބޮޑު
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ފަހު މިނެޓްގައި ލަނޑުޖަހައި މެޗު ކާމިޔާބުކުރި ނަމަވެސް ޑޯޓްމަންޑުން ޖެހި އަވޭ ގޯލާ އެކު ސެމީ ފައިނަލަށް ދިއުމަށްޓަކައި ކުރަން އޮތް މަސައްކަތް ސިޓީއަށް އުނދަގޫ ވެއްޖެ އެވެ. ރޭ ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ޖަރުމަނުގައި ދެވަނަ ލެގުގެ މެޗު ކުޅޭ އިރު މެޗު އެއްވަރުކޮށްލައިގެން ސިޓީއަށް ސެމީގެ ޖާގަ އެއް ކަށަވަރުވާން އޮތަސް ޑޯޓްމަންޑަށް 0-1 ގެ ނަތީޖާއަކުން މޮޅުވެގެންވެސް ސެމީ އަށް ދިއުމުގެ ފުރުސަތު އޮތުމަކީ ސިޓީއަށް އޮތް ނުރައްކަލެކެވެ. އަނެއްކޮޅުން ރޭގެ މެޗުގައި ގޯލެއް ކާމިޔާބު ނުކުރި ނަމަވެސް މިފަހަރުގެ ޗެމްޕިއަންސް ލީގުގައިވެސް ރަގަޅު ފޯމެއްގައި ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް ކަހަލަ ކުޅުންތެރިޔަކު ޑޯޓްމަންޑްގައި ހުރުމަކީ މިކަހަލަ ހާލަތަކަށް ދާއިރު ސިޓީއަށް އިތުރަށް ވިސްނަން މަޖުބޫރު ވާނެ ކަމެކެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ޕެނަލްޓީއެއް ރެފްރީ ދިން ނަމަވެސް ފަހުން ވީއޭއާރުން ވަނީ އެކަން ބަދަލުކޮށްފަ އެވެ. މި ނިންމުން ޑޯޓްމަންޑާ އެއްކޮޅަށް އައިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ނަތީޖާ 0-1 ގައި އޮއްވައި ޑޯޓްމަންޑްގެ ބެލިންހަމް، ސިޓީގެ ގޯލަށް ވައްދާލި ބޯޅައެއް ރެފްރީ ލަނޑަކަށް ނުނިންމި އިރު ވީއޭއާރު ބޭނުން ނުކުރި ކަމެވެ. ގޯލަށް ބޯޅަ ވައްދާލުމުގެ ކުރިން ބެލިންހަމް ފައުލް ކުރި ކަމަށް ބަލައި އެއީ ގޯލެއް ނޫންކަމަށް ރެފްރީ ނިންމި ނިންމުން ވީއޭއާރު ބެލި ނަމަ ބަދަލުވާނެ ކަމަށް ތަޖްރިބާކާރުން ބުނެފައިވެ އެވެ.
މިހާތަނަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގެ ނަސީބު ލިބިފައި ނުވާ ސިޓީ އާ ދެކޮޅަށް ޑޯޓްމަންޑުން ރޭ ކުޅުނު މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަކޮށްދިން ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި އޮއްވައި ކާމިޔާބުކޮށްދިނީ ހާލަންޑް ދިން ބޯޅައަކުން މާކޯ ރިއުސް އެވެ. ސިޓީން މެޗު ކާމިޔާބުކުރި ލަނޑު ޖެހީ އިނިރޭސި ފޯވާޑް ފިލް ފޯޑަން އެވެ.
Advertisement
Leave a Reply