ޕީއެސްޖީން ފުރުސަތު ނަގާލިއިރު ނޭމާ އަށް ރަތެއް
ފްރެންޗް ލީގުގައި މިރޭ ޕީއެސްޖީ 1-0 އިން ބަލިކޮށް ލިލް އެއް ވަނަ އަށް އެރިއިރު ނޭމާ އަށް ރަތް ކާޑު ދައްކައިފި އެވެ.
މިރޭގެ މެޗަށް ނުކުތްއިރު ދެޓީމަށް ވެސް ލިބިފައި އޮތީ 63 ޕޮއިންޓެވެ. އެކަމަކު ވާދަވެރި ކުޅުމަކަށް ފަހު ލިލް އިން ޕީއެސްޖީ ބަލިކުރުމުން އެޓީމަށް އެއް ވަނައިގައި މިހާރު ވަނީ ތިން ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތް މެޗެވެ. މި މެޗާކު ސީޒަނުގައި ޕީއެސްޖީ ބަލިވި މެޗުގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ.
ފްރެންޗް ލީގު މިދިޔަ ތިން ސީޒަނުގައި ވެސް ހޯދީ ޕީއެސްޖީ އިންނެވެ. ޕީއެސްޖީއާ މި ސީޒަނުގައި ވާދަކުރަމުން އަންނަ ލިލް އަށް އެންމެ ފަހުން ލީގު ޗެމްޕިއަންކަން ލިބުނީ 11-2010 ވަނަ ސީޒަނުގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ. މިއީ ޑޭވިޑް ފޮނުވާލި ބޯޅަ މިސްރާބު ބަދަލުވެގެން ގޯލަށް ވަން ލަނޑެކެވެ. ލީޑު ނެގުމަށް ފަހު ލިލް އިން ވަނީ ޕީއެސްޖީން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. މެޗުގެ ފަހު މިނެޓުގައި ނޭމާ އަށް ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ޓިއާގޯ ޑިޔާލޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގަ އެވެ. މިއީ ބޯޅަށް ބޭރުގައި އޮއްވައި ޑިޔާލޯ ކޮށްޕާލުމުން ރެފްރީ ނޭމާ އަށް ދެއްކި ރަތް ކާޑެކެވެ. މި ހަމަނުޖެހުމުގައި ފަހުން ރެފްރީ ވަނީ ޑިޔާލޯ އަށް ވެސް ރަތެއް ދައްކައިފަ އެވެ. މިއީ ސީޒަނުގައި ނޭމާ އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ.
ޕީއެސްޖީން މި ސީޒަނުގެ ލީގު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުނުއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާ ޕީއެސްޖީ ނުކުންނާނީ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ.
Advertisement
Leave a Reply