ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑުން ހަމަހުގެ ކުއްޖަކަށް ބޮޑު އެހީ އެއް
ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ސާބިއާ ކޮޅަށް ވައްދާލި ގޯލު ރެފްރީ ގަބޫލުނުކުރުމުން ރޮނާލްޑޯ ރުޅިއައިސްގެން ކެޕްޓަން ބޭންޑް ނަގައި ހޫރާލި ވާހަކައަކީ ބައިނަލްއަގްވާމީ ފުޓްބޯޅައި މިދިޔަ ހަފްތާގައި އެންމެ ހިނގި އެއް ހަބަރެވެ. ރޮނާލްޑޯގެ އެ އަމަލު އޭނާގެ ސަޕޯޓަރުން ދިފާއުކުރި އިރު ރޮނާލްޑޯ އާ މާ ގަޔާ ނުވާ މީހުން ދިޔައީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކޮންމެ ގޮތަކަށް ކަން ހިނގި ނަމަވެސް އެންމެ ފަހުން އިވުނު ހަބަރަކީ ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަމެއްގައި ވިއްކާލައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ އެހީއަށް ބޭނުންވެފައިވާ ހަމަހުގެ ކުއްޖަކަށް ހަދިޔާކުރި ވާހަކަ އެވެ.
މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެފައި އޮއްވައި އެންމެ ފަހު މިނެޓްގެ ތެރޭގައި ރޮނާލްޑޯ ސާބިއާގެ ގޯލަށް ވައްދާލި ބޯޅަ ގޯލެއް ކަމަށް ނުބެލުމުން ރުޅިއައިސްގެން އޭނާގެ އަތުގައި އަޅައިފައި އޮތް ކެޕްޓަން ބޭންޑް ނަގައި ހޫރާލުމުން އެ ބޭންޑް ގޮސް ޖެހުނީ މެޗުގެ ސެކިއުރިޓީ ބަލަހައްޓަންހުރި ޖޯޖޭ ވުކިޗެވިކް ނަމަކަށް ކިޔާ މީހަކު ހުރި ދިމާލަށެވެ. އޭނާ ގަސްދުކުރީ އެ ބޭންޑް ނީލަމެއްގައި ވިއްކާލުމަށްފަހު ލިބޭ ފައިސާ މައިބަދައަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ސާބިއާގެ ކުޑަކުއްޖެއް ކަމަށްވާ ގައުރިލޯ ޖާޖެވިކްގެ އާއިލާއަށް ހަދިޔާ ކުރާށެވެ.
ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަމުގައި ވިއްކައިފައިވަނީ 54,000 ޕައުންޑަށެވެ. ކުޑަކުއްޖާގެ ފަރުވާ އަށް 2.1 މިލިއަން ޕައުންޑް ބޭނުންވެ އެވެ. ކުއްޖާގެ މަންމަ ބުނި ގޮތިގައި ރޮނާލްޑޯގެ ކެޕްޓަން ބޭމންޑް ވިއްކާލައިގެން ލިބުނު ފައިސާ އަކީ ކުއްޖާގެ ފަރުވާ އަށް ލިބުނު ބޮޑު އެހީ އެއް ކަމަށެވެ.
“އަހަރެމެންނަށް ގަބޫލުވެސް ނުކުރެވޭ އަހަރެމެން ނުވެސް ދަންނަ ބަޔަކު ކެޕްޓަން ބޭންޑެއް ނީލަމުގައި ވިއްކައި އަދި އެއިން ލިބުނު ފައިސާ އަހަރެމެންގެ ދަރިފުޅަށް ހަދިޔާ ކުރާނެ ކަމަކަށް.” ކުއްޖާގެ މަންމަ ބުންޏެވެ.
Advertisement
Leave a Reply