ފަހު ވަގުތު ޖެހި ލަނޑު ގަބޫލުނުކުރުމުން ރޮނާލްޑޯ ރަތަށް!

ވޯލްޑްކަޕް ކޮލިފައިންގައި ރޭ ސާބިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑު ގަބޫލުނުކުރުމުން އޭނާގެ ރުޅިގަނޑު ފަޚައިގެން ހިނގައްޖެ އެވެ. ސާބިއާގައި ރޭ ކުޅުނު މެޗުގައި އުމުރުން 36 އަހަރުގެ ރޮނާލްޑޯ ބޯޅަ ގޯލަށް ވައްދާލި އިރު މެޗު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި ސާބިއާ އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި ޕޯޗުގަލުން ދެ ގޯލު ޖަހައި ކުރި ހޯދައިފައި ވަނިކޮށެވެ. ޕޯޗުގަލް އިން މެޗުގެ 11 ވަނަ މިނެޓްގަ އާއި 36 ވަނަ މިނެޓްގައި ގޯލްތައް ޖެހި އިރު އެ ދެ ގޯލުވެސް ޖަހައިފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވާޑް ޑިއޮގޯ ޖޯޓާ އެވެ. ސާބިއާގެ ފުރަތަމަ ލަނޑު މެޗުގެ ފަހު ހާފުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކުރި އިރު ނަތީޖާ އެއްވަރު ކުރި ލަނޑު އެ ޓީމުން ޖެހީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ.
މެޗުގެ ފަހު ވަގުތުގެ ތެރޭގައި ރޮނާލްޑޯ ސާބިއާގެ ގޯލަށް ވައްދާލި ބޯޅަ ގޯލެއްގެ ގޮތުގައި ބަލައިފައި ނުވަނީ އެ ބޯޅަ ގޯލު ރޮނގު ހުރަސްކޮށް އެތެރެއަށް ނުވަންނަ ކަމަށް ރެފްރީ ނިންމުމުންނެވެ. އެކަމަކު ޓީވީ ރީޕްލޭ އިން ދެއްކި ގޮތުން ރޮނާލްޑޯ ޖެހި ބޯޅަ ސާބިއާގެ ޑިފެންޑަރު ދިފާއުކޮށް ގޯލާ ދުރަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އޭރު އޮތީ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެފައެވެ. މެޗުގައި ވީއޭއާރު ބޭނުންކޮށްފަ އެއް ނުވެ އެވެ.
ރޮނާލްޑޯ އަށް އެއީ ލަނޑެއް ނޫންކަންވެސް އެނގުނީ އުފާފާޅުކުރަމުން ދަނިކޮށެވެ. އެކަން އެނގުމާއެކު އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް އޮފިޝަލުން ގާތު ޝަކުވާ ކޮށްފައެވެ. އަދި، ކެޕްޓަން ބޭންޑް ނަގައި ދަނޑު މައްޗަށް ހޫރާލުމަށްފަހު މެޗު ނިމެން ސިކުންތުކޮޅެއް ބާކީ ހުއްޓައި އަވަސް އަވަހަށް ދަނޑުން ފައިބައިގެން ދިޔަ އެވެ. މެޗުގައި ރޮނާލްޑޯ އަމަލުކުރި ގޮތުން އޭނާ އަށް ރީދޫ ކާޑެއްވެސް ދެއްކި އެވެ.
“ބައެއް ވަގުތު ތައް ކުޅިވަރުގައި އަންނާނެ ހަޖަމުކޮށްލަން އުނދަގޫވާނެ. ވަކިން ހާއްސަކޮށް މުޅި ގައުމަށް އަދަބެއް ދީފި ކަން އަހަރެމެންނަށް އިހުސާސްވާ ވަގުތަކީ އެކަހަލަ ވަގުތެއް. އެކަމަކު އަހަރެމެން އިސްނުޖަހާނަން. ދެން އޮތް ޗެލެންޖާ ކުރިމަތިލުމަށްޓަކައި އަހަރެމެން ދާނީ ކުރިއަށް.” މެޗަށް ފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ލިޔެފައިވެ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މިހާތަނަށް ޕޯޗުގަލުން ދެ މެޗު ކުޅެފައިވާ އިރު އެ އެ ޓީމު ވަނީ ފުރަތަމަ މެޗުގައި 0-1 އިން އާޒަރުބައިހޖާން ބަލިކޮށްފަ އެވެ.
Advertisement


Leave a Reply