ޝައުގުވެރި ބަދަލުތަކެއް ފެންނާނެ މެޗަކުން ދިވެހި ލީގު މިއަދު ފަށަނީ

Advertisement

ޝައުގުވެރި ބަދަލުތަކެއް ފެންނާނެ މެޗަކުން ދިވެހި ލީގު މިއަދު ފަށަނީ

ޢަބްދުﷲ އަޝްރަފް

ކޮވިޑް 19 ގެ ތިންވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފަންސާހަކަށް ދުވަސް ވަންދެން މެދުކަނޑާލައިފައި އޮތުމަށްފަހު މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މިއަދު ފަށާގޮތަށް މި ހަމަޖެހުނު ލީގުގައި ވާދަކުރާ ކްލަބްތަކުން ގުޅިގެން މިދިޔަ އަންގާރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލީގު މެދު ކަނޑާލައިފައި އޮތުމުގެ ސަބަބުން ކްލަބްތަކަށް ބޮޑެތި ގެއްލުންތަކެއްވަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޗްޕީއޭ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނިކޮށެވެ.

މިދިޔަ މަހުގެ 2 ވަނަ ދުވަހު ކުޅުނު މެޗުތަކަށް ފަހު ލީގުގެ ކުޅުން މެދު ކަނޑާލި އިރު ލީގުގައި ކުޅެމުން އައީ ދެވަނަ ބުރުގެ މެޗުތަކެވެ. އަށް ޓީމު ވާދަކުރަމުން އަންނަ ދިވެހި ލީގު މިއަދު ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރަނީ މިވަގުތު ޓޭބަލްގެ ހަ ވަނައިގައި އޮތް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި، ހަތް ވަނައިގައި އޮތް އީގަލްސް އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓޭބަލްގެ ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އެވެ.

މިއަދުގެ މެޗުގައި ވާދަކުރާ އީގަލްސް އާއި ސަސް އަކީ އެންމެ ފަހުން ލީގު މެދު ކަނޑާލިފަހުން ސްކޮޑަށް ފާހަގަކޮށްލެވޭ ވަރުގެ ބަދަލުތަކެއް ގެނެސްފައިވާ ދެ ޓީމެވެ. އޭއެފްސީ ކަޕްގެ ޕްލޭ އޯފް ގައި އަންނަ މަހު ވާދަކުރަން ތައްޔާރުވަމުން އަންނަ އީގަލްސް އިން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) އާއި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ކުރިން ހޯދައިފައިވާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރު (ފާއްޓޭ) ގެނެސްފައިވާއިރު އެ ޓީމުން ވަނީ ލެބަނަންގެ ގޯލްކީޕަރަކާއި، ރަޝިޔާގެ ފޯވާޑެއް ވެސް ގެނެސްފަ އެވެ. މީގެ އިތުރުން މިއަދުގެ މެޗަކީ އެ ޓީމުގެ ކޯޗުކަމާ އަލަށް ހަވާލުވި ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އީގަލްސްގެ ބެންޗުން ފެންނާނެ ފުރަތަމަ މެޗެވެ.

އަނެއްކޮޅުން މިއަދުގެ މެޗުގައި ވާދަކުރާ ސަސް އިން ވެސް ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ އާ ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. އެ ޓީމަށް ސްވިޑަންގެ ފޯވާޑަކާއި، ނެދަލޭންޑްސްގެ ޑިފެންޑަރެއެއް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހިމެނޭ ސްވިޑަންގެ ކުޅުންތެރިޔާ ވަނީ ކުރިން އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެފައެވެ. މީގެ ކުރިން ސަސް އަށް ކުޅެމުން އައި ޖަޕާންގެ މިޑްފީލްޑަރާއި، ސްޕެއިންގެ ފޯވާޑް އެ ޓީމުން މިހާރު ދޫކޮށްލާފައިވާ އިރު ސަސް އިން ވަނީ އިތުރު ދިވެހި ހަތަރު ކުޅުންތެރިއަކު އެހެން ޓީމުތަކުން ގެނެސްފަ އެވެ. ސަސްގެ ކޯޗަކަށް މިވަގުތު ހުރީ އީގަލްސް އަށް މި ސީޒަންގެ ކުރީކޮޅު އިރުޝާދުދިން މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާ އަށްވުރެ ހަ ޕޮއިންޓް މަދުން ލިބިގެން ޓޭބަލްގެ ދެވަނައިގައި އޮތީ ކްލަބް ވެލެންސިޔާ އެވެ. ވެލެންސިއާ އާ އެއްވަރަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތީ ދަ ގްރާންޑޭ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *