ސޯލްޝެއަރ އެ ކުރަނީ އާދަޔާހިލާފު މަސައްކަތެއް: ބެކަމް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗެއްގެ ހައިސިއްޔަތުން އެ ކްލަބްގެ މިހާރުގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއަރ ކުރަމުން އަންނަ މަސައްކަތަކީ އާދަޔާ ހިލާފް މަސައްކަތެއް ކަމަށް ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޑޭވިޑް ބެކަމް ބުނެފި އެވެ.
އެމެރިކާގެ ފުޓްބޯޅަ ކުލަބެއް ކަމަށްވާ އިންޓަރ މިއާމީ މިހާރު ހިންގަމުން އަންނަ ބެކަމް އާއެކު ސޯލްޝެއަރ ވަނީ 1996 އިން ފެށިގެން 2003 އާ ހަމައަށް ޔުނައިޓެޑަށް ކުޅެފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ފަސް ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާ ސޯލްޝެއަރ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން ޔުނައިޓެޑަށް ތަށްޓެއް ލިބިފައި ނުވި ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގައި އެ ކުލަބުން އަންނަނީ ރަގަޅު ވާދައެއް ކުރަމުންނެވެ.
“އަހަރެންނަށް އެނގޭ ސޯލްޝެއަރ އަށް ފާޑުކިޔުން އަމާޒުވާކަން. ޔުނައިޓެޑް ކަހަލަ ގިނަ އަހަރު ތަކެއް ވަންދެން ކާމިޔާބު ހޯދަމުން އައި ޓީމެއްގެ ކޯޗުކަމުގެ މަގާމާ ހަވާލުވާ ކޮންމެ މީހަކަށްވެސް އެ ފާޑުކިޔުން އަންނާނެ. ހަމަ އެ ގޮތަށް ކުޅުންތެރިންނާ ކްލަބް ހިންގަން ތިބޭ މީހުންނަށްވެސް އެކަން އަންނާނެ.” ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑަށްވެސް ކުޅުނު ބެކަމް ބުންޏެވެ.
ސޯލްޝެއަރ އަކީ މިކަމުގެ ތެރޭގައި ވަރަށް ގިނަ ދުވަހު އުޅެފަ ހުރި މީހެއް. އޭނައަށް އެ ފާޑުކިޔުންތަކާ ކުރިމަތިލާން އެނގޭނެ. ސޯލްޝެއަރ އަކީ ވަރަށް މަޑުމައިތިރި މީހެއް. އޭނަ އަބަދުވެސް މަސައްކަތްކުރާނީ އޭނަ އެ ކުރާ މަސައްކަތަކައިގެން އުޅެވޭތޯ. އަހަރެންނަށް ވިސްނޭ ގޮތުގަ އޭނަ ޔުނައިޓެޑްގައި ކުރަމުން އެ އަންނަ މަސައްކަތަކީ އާދަޔާ ހިލާފު މަސައްކަތެއް. އޭގެ ނަތީޖާވެސް އަންނަނީ ފެންނަމުން. އަދި އެކަން ދާނީވެސް ކުރިއަށް.” ބެކަމް އިތުރަށް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާ ސޯލްޝެއަރ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ފުރިހަމަ ސީޒަނުގައި އިނގިރޭސި ލީގުގެ ތިންވަނަ މަގާމު ޔުނައިޓެޑުން ހޯދި އިރު މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑް މިވަގުތު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ޕްރިމިއަރ ލީގުގައި ރަގަޅު ހިސާބެއްގައި ވާދަކުރި ނަމަވެސް މި ވޭތުވެ ދިޔަ ގާތްގަނޑަކަށް ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި އެއްވެސް މުބާރާތެއްގެ ފައިނަލަށްވެސް ޔުނައިޓެޑް ގޮވައިގެން ސޯލްޝެއަރ އަށް ދަތުރުކުރެވިފަ އެއް ނެތެވެ.
Advertisement


Leave a Reply