އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑް ހޯދައިފި

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެސްޓީއޯ އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑް ހޯދައިފި އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލުގައި 3-2 އިން ވެލާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
މުބާރާތުގެ ފައިނަލަށް ވެލާ ސްޕޯޓްސް ދަތުރުކުރީ ފަސް ޓީމު ވާދަކުރި ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެމްވީ ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ހުސް ސޮނގުން ބަލިކޮށްގެންނެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ނަޒީހް / ރަޔާން ފޮޓޯސް
އިއްޔެގެ ފައިނަލުގެ ފުރަތަމަ ލަނޑު ޖެހީ އެމްވީ ޔުނައިޓެޑްގެ އަހުމަދު ޝުހައިލް އެވެ. ޝުހައިލް އަކީ ކުރިން އެއް ވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެމްވީ ޔުނައިޓެޑް ލީޑުގައި އޮއްވައި ވެލާ ސްޕޯޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަރީފް އެވެ. އެމްވީ ޔުނައިޓެޑުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގި ލަނޑު ކާމިޔާބުކޮށްދިނީ ދާދިފަހުން ކްލަބް އީގަލްސް އަށް ބަދަލުވި މުހައްމަދު ފާސިރު އެވެ. ފާސިރަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ އެވެ. މެޗުގެ ފަހުކޮޅު އެމްވީ ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާމީ އިބްރާހީމް އެވެ. ސާމީ އަކީ އޭދަފުށިން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލުގައި ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މެޗުގެ އިތުރު ވަގުތުގައި ވެލާ ސްޕޯޓްސްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ތަޝްމީން އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އެމްވީ ޔުނައިޓެޑްގެ ޝުހައިލް އަށެވެ. މުބާރާތުގެ ގިނަ މަގާމްތައް ކަށަވަރުކުރީ ޗެމްޕިއަން އެމްވީ ޔުނައިޓެޑުންނެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމް އެޓީމުގެ އަހުމަދު ޝިއާނަށް ލިބުނުއިރު އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ހައްފާފް ސިދުގީ އެވެ. އެންމެ މޮޅޮ ފޯވާޑްގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާސިރު އެވެ. މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފާސިރު ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.

އިއްޔެގެ މެޗުގައި ފާސިރު ބޯޅަ ހިފައިގެން ދަނީ. ފާސިރު މިހާރު ވަނީ ކްލަބް އީގަލްސް އަށް ބަދަލުވެފައި. – ފޮޓޯ: އިބްރާހީމް ނަޒީހް / ރަޔާން ފޮޓޯސް
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވެލާ ސްޕޯޓްސްގެ މުހައްމަދު ހިޝާން އަބްދުއްރައްޒާގަށް ލިބުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެލާ ސްޕޯޓްސްގެ ޑިފެންޑަރު މުހައްމަދު ރަފާހް އަށެވެ. ރަފާހްއާ އެކު މި އެވޯޑަށް ވާދަކުރީ އެމްވީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ހުސައިން އީވާން އާއި ހުސް ސޮނގުން ޓީމުގެ އިބްރާހީމް ނާއިޝް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ރަނަރަޕް ވެލާ ސްޕޯޓްސްގެ މޫސާ ސައީދު އެވެ.

މުބާރާތުގެ މަގާމްތަކަށް ހޮވުނު ކުޅުންތެރިން. – ފޮޓޯ: އިބްރާހީމް ނަޒީހް / ރަޔާން ފޮޓޯސް
އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބުރާސްފަތި ދުވަހުގެރޭ ނިމުނު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 4-2 އިން ދަ ޝޫޓާސް ބަލިކޮށް ގަލްފް ގާލްސް އިންނެވެ.
މި ދެ މުބާރާތް ކުރިއަށްގެންދިޔައީ ކައުންސިލްގެ އިސްނެގުމާއެކު އެރަށުގެ ކްލަބް އޭދަފުށިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.
Advertisement


Leave a Reply