އަހަރެން އަބަދުވެސް މައްޗަށް ބަލާތީ އާސެނަލް ފެންނަވަރެއް ނުވޭ: މޮރީނިއޯ
ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޗެލެންޖުކުރަން ކަމަށާއި، އާސެނަލް ހަތް ޕޮއިންޓް ފަހަތުގައި އޮތުމުން އެޓީމަށް ނުބަލާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގައި މާދަމާ ރޭ ޓޮޓެންހަމް ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. މެޗަށް ނުކުންނައިރު ޓޮޓެންހަމް އޮތީ އާސެނަލަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައި ތާވަލުގެ ހަތް ވަނައިގަ އެވެ. 45 ޕޮއިންޓް ޓޮޓެންހަމަށް ލިބިފައިވާއިރު 38 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 10 ވަނައިގަ އެވެ. މިދިޔަ ހަތަރު ސީޒަނުގައި ޓޮޓެންހަމް ވަނީ ލީގުގައި އާސެނަލަށް ވުރެ ކުރި ހޯދައިފަ އެވެ.
“އަހަރެން ބަލަނީ މައްޗަށް. ތާވަލުގެ ތިރިއަކަށް ނުބަލަން. އާސެނަލް އަހަރެމެންނަށް ވުރެ ހަތް ޕޮއިންޓް ކުރީގައި އޮތްނަމަ އަހަރެން އެމީހުންނަށް ބަލާފާނަން. އެކަމަކު އަހަރެމެން ހަތް ޕޮއިންޓް ކުރީގައި އޮތީމަ ތިރިއަށް ބެލުމުގެ ބޭނުމެއް ނެތް” އެމިރޭޓްސް ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.
ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޓޮޓެންހަމް ވަނީ މޮޅުވެފަ އެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު ޔޫއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގައި ޓޮޓެންހަމުން ވަނީ 2-0 އިން ޑީނަމޯ ޒަގްރަބް ބަލިކޮށްފަ އެވެ.
މޮރީނިއޯ ބުނީ އެޓީމަށް ކުރިއެރުން އަންނަކަމަށާއި ބޭނުންވާ ޓާގެޓަށް ދިއުމަށް ނަތީޖާތައް ރަނގަޅުކުރަން ބޭނުންވާ ކަމަށެވެ.
“މުހިއްމީ އިދިކޮޅުން ކުޅޭ ޓީމެއް ނޫން. މިއީ ޑާބީ މެޗެއް. ޕްރިމިއާ ލީގު މެޗެއް. މުހިއްމީ ތިން ޕޮއިންޓް. އެކަމަކު އާސެނަލަށް އަހަރެމެން އިހްތިރާމްކުރާނަން” މޮރީނިއޯ ބުންޏެވެ.
ޕްރިމިއާ ލީގުގެ ފަހު 10 މެޗާ ކުރިމަތިލާއިރު ލީގުގެ އެއް ވަނައިގައި 68 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ. ދެ ވަނައިގައި 54 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. 53 ޕޮއިންޓާ އެކު ލެސްޓާ ސިޓީ ތިން ވަނައިގައި އޮތްއިރު 50 ޕޮއިންޓާ އެކު ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ.
ލީގުގައި ޓޮޓެންހަމް އާއި އާސެނަލް ވާދަކުރާ މެޗު ފަށާނީ މާދަމާ ރޭ 9:30 ގަ އެވެ. މިއަދު އެންމެ ފުރަތަމަ އޮންނާނީ ލީޑްސް ޔުނައިޓެޑާއި ޗެލްސީ އޮންނަ މެޗެވެ. 5:30 ގައި އެ މެޗު ފަށާއިރު މިރޭ ދަންވަރު ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.
Advertisement
Leave a Reply