ރާއްޖެ ގްރޫޕްގެ ކޮލިފައިން މެޗުތައް ޖޫން މަހު ޗައިނާގައި

Advertisement

ރާއްޖެ ގްރޫޕްގެ ކޮލިފައިން މެޗުތައް ޖޫން މަހު ޗައިނާގައި

ޢަލީ ޝަހީމް

ކޮވިޑް-19 އާ ގުޅިގެން ފަސްކުރަމުން އަންނަ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގެ ތެރެއިން ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް އަންނަ ޖޫން މަހު ޗައިނާގައި ކުޅޭގޮތަށް އޭއެފްސީ އިން ނިންމައިފި އެވެ.

އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު އެގޮތަށް ނިންމިއިރު ޗައިނާގައި މެޗުތައް ކުރިއަށްދާނީ ސޫޒޯ ސިޓީގަ އެވެ. އޭއެފްސީ އިން މިއަދު ވަނީ ކޮލިފައިންގެ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވާނެ ގައުމުތައް ނިންމައިފަ އެވެ. ގްރޫޕް ބީގެ މެޗުތައް ކުވައިތުގައި ކުޅޭއިރު ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހްރެއިންގަ އެވެ. ގްރޫޕް ޑީގެ މެޗުތައް ސައުދީ އަރަބިއާގައި ކުޅެން ނިންމިއިރު ގްރޫޕް އީގެ މެޗުތައް އޮންނާނީ އަންނަ އަހަރު ވޯލްޑް ކަޕް އޮންނަ ގަތަރުގަ އެވެ. ގްރޫޕް އެފްގެ މެޗުތައް ޖަޕާނުގައި އަދި ގްރޫޕް ޖީގެ މެޗުތައް އޮންނާނީ ޔޫއޭއީގަ އެވެ. ގްރޫޕް އެޗްގެ މެޗުތައް ކުޅެން ނިންމާފައިވަނީ ދެކުނު ކޮރެއާގަ އެވެ.

Advertisement

ގްރޫޕް އޭގެ ބާކީ މެޗުތައް އޮންނާނީ ޖޫން 3، 7، 11 އަދި ޖޫން 15 ވަނަ ދުވަހު އެވެ. ޖޫން 3 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ޖޫން 7 ވަނަ ދުވަހު ކުޅޭނީ ސީރިއާއާ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ފިލިޕީންސާ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައި ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ރާއްޖެއަށް މޮޅު ލިބުނީ ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

ކޮލިފައިންގެ މެޗުތައް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެކަމަކު އެދުވަސްވަރު ހަލުވިކަމާ އެކު ދުނިޔޭގައި ކޮވިޑް ފެތުރެއް ފެށުމުން މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހަށް މެޗުތައް ރީޝެޑިއުލްކުރި އެވެ. އެއަށްފަހު މެޗުތައް ބާއްވަން ދެން ނިންމީ މި މަހު އެވެ. އެކަމަކު އަނެއްކާވެސް ކޮވިޑްގެ ބަލިމަޑުކަން އިތުރުވެ އެންމެފަހުން ސެންޓްރަލައިޒްކޮށް ބާއްވަން ނިންމީ އެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ސްކޮޑް އެކުލަވާލައި މިދިޔަ އަހަރު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ފަހުން މެދުކަނޑާލި އެވެ. ޖޫން މަހު މެޗުތައް ކުޅެން ނިންމިއިރު ކޮވިޑްގެ ތިން ވަނަ ރާޅެއް ކުރިމަތިވެ ރާއްޖޭގެ ފުޓްބޯޅަ ލީގު މިހާރު އޮތީ ހުއްޓާލައިފަ އެވެ. އެކަމަކު ހާއްސަ ހުއްދައިގެ ދަށުން ކްލަބްތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *