އެމްބާޕޭ އަށް ވުރެ ހާލަންޑް ގެންނަން ރެއާލަށް ފަސޭހަވާނެ: ރާމޯސް
ކިލިއަން އެމްބާޕޭއަށް ވުރެ އާލިން ބްރައުޓް ހާލަންޑް ގެންނަން ރެއާލް މެޑްރިޑަށް ފަސޭހަވާނެކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
އެމްބާޕޭ އާއި ހާލަންޑް ހިމެނެނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގަ އެވެ. ރެއާލުން މިހާރު އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށް މި ދެކުޅުންތެރިންނަށް ފާރަލަމުންނެވެ. އެޓީމުގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ޑިސެމްބަރު މަހު 33 އަހަރު ފުރޭއިރު ކުރިއަށް އޮތް ސީޒަނަށް އެޓީމުން މަޝްހޫރު ފޯވާޑެއް ހޯދާނެކަމަށް ބެލެވެ އެވެ.
ރާމޯސް ބުނީ ކޮވިޑް ޕެންޑަމިކާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި ރެއާލުން އެމްބާޕޭ ހޯދަން މަސައްކަތް ކުރުމަށްވުރެ ހާލަންޑް ހޯދަން މަސައްކަތް ކުރުން ރަނގަޅުވާނެކަމަށެވެ.
“އަހަރެން ކޯޗަކަށް ހުރިނަމަ ގެންނާނީ ހާލަންޑް ތަ އެމްބާޕޭ ތަ؟. އަހަރެން ބޭނުންވާނެ ދެކުޅުންތެރިން ވެސް ގެންނަން. އެކަމަކު ކޯޗަށް އެކަނި ކުޅުންތެރިއަކު ނުގެނެވޭނެ. މިހާރުގެ ހާލަތަށް ބަލާއިރު އަހަރެންނަށް ގަބޫލުކުރެވެނީ ހާލަންޑްގެ ސޮއި ހޯދަން ފަސޭހަވާނެކަމަށް” ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރާމޯސް ބުންޏެވެ.
ރެޑްބުލް ސަލްސްބާގުން ނޯވޭގެ ހާލަންޑް 24 މިލިއަން ޑޮލަރަށް ބްރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ ޕީއެސްޖީ އަށް 2018 ވަނަ އަހަރު ބަދަލުވީ 216 މިލިއަން ޑޮލަރަށެވެ.
މި ސީޒަނުގައި މި ދެކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ޑޯޓްމަންޑާއި ޕީއެސްޖީ މިހާރު ވެނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 29 މެޗުގައި ހާލަންޑް 31 ލަނޑު ޖަހާފައިވާއިރު އެމްބާޕޭ ވަނީ 33 މެޗުން 26 ލަނޑު ޖަހައިފަ އެވެ.
Advertisement
Leave a Reply