ލިވަޕޫލް ކުއާޓަރ ފައިނަލަށް، ބާސެލޯނާ ކަޓައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ރޭ ދަތުރުކުރިއިރު މަޝްހޫރު ބާސެލޯނާ މުބާރާތުން ކަޓައިފި އެވެ.
މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ވާދަކޮށް ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީ ކުޅެމުން އަންނަ ބާސެލޯނާ އަށް ކުއާޓަރ ފައިނަލްގެ ފުރުސަތު ގެއްލުނީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލްގައި ވާދަކުރި ޕީއެސްޖީ އާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓް ނަތީޖާ އިން 5-2 އިން ބަލިވުމުންނެވެ.
އިނިގިރޭސި ލީގުގެ ޗެމްޕިއަންކަން ތަފާތު ބޮޑުކޮށް މިދިޔަ ސީޒަންގައި ހޯދި ލިވަޕޫލުން ރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް ނުކުތީ މިފަހަރުގެ ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ބަލިވެފައި ވަނިކޮށެވެ. ރޭ ލިވަޕޫލުން ކުޅުނު މެޗަކީ އެ ޓީމުގެ ހޯމް މެޗު ކަމަށްވީ ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ރޭގެ މެޗު ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅުނު އާރުބީ ލައިޕްޒިގާއި ވާދަކޮށް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބުކުރީ ސަޑިއޯ މާނޭ އެވެ. ލިވަޕޫލާއި، އާރުބީ ލައިޕްޒިގު ކުޅުނު ފުރަތަމަ ލެގުގެ މެޗުވެސް ނިމިފައިވަނީ 0-2 އިން ލިވަޕޫލަށް ކުރި ލިބިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރި މެޗަށް ބާސެލޯނާ އިން ނުކުތީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވި ބަލިވުން ހަނދާން ނައްތާލައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު މެޗު ފަށައިގެން 30 ވަނަ މިނެޓްގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ އެއް ބާސެލޯނާގެ ގޯލަށް ވައްދާލައިގެން ފްރާންސްގެ ޒުވާން ފޯވާޑް ކިލިއެން އެމްބާޕޭ ޕީއެސްޖީ އަށް ލީޑް ހޯދައިދިނެވެ. އެއާއެކު ބާސެލޯނާ އިން އިތުރަށް ހިތްވަރު ލައި އޭގެ ހަތް މިނެޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބާސެލޯނާއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ގޯލަށް ވަންނަ ގޮތެއް ނުވި އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ނަތީޖާ އަނބުރާނުލެވުނު ނަމަވެސް ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ބާސެލޯނާ އިންނެވެ. ފުރަތަމަ ލެގާ ހިލާފަށް ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލާ އަމާޒުކޮށް ބާސެލޯނާ އިން ވަނީ 10 ހަމަލާ ފޮނުވާލައިފަ އެވެ. މިއީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ކުއާޓަރ ފައިނަލަށް ނުގޮސް ބާސެލޯނާ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގައި ލިވަޕޫލާއި، ޕީއެސްޖީ ވާދަކުރަންޖެހޭ ޓީމުތައް ކަށަވަރުވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
Advertisement
Leave a Reply