ވަރުގަދަ ކުރިމަތިލުމަކުން އޭދަފުށި ކަޕް މިއަދު ފަށަނީ

Advertisement

ވަރުގަދަ ކުރިމަތިލުމަކުން އޭދަފުށި ކަޕް މިއަދު ފަށަނީ

ޢަލީ ޝަހީމް
އަތޮޅަށް ހުޅުވާލައިގެން 2019 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ބ. އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ބާއްވާ “އޭދަފުށި ކަޕް” ފުޓްބޯޅަ މުބާރާތް އެރަށުގައި އޮންނަ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.

ފިރިހެން ފުޓްބޯޅަ މުބާރާތެއްގެ އިތުރުން އޭދަފުށީ ކައުންސިލުން ވަނީ އަންހެން ފުޓްސަލް މުބާރާތެއް ވެސް ބާއްވަން ނިންމައިފަ އެވެ. މިއީ ދެޖިންސަށް ހުޅުވާލައިގެން އެރަށު ކައުންސިލުން ފަހުގެ ތާރީހެއްގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ދެ އަހަރު ކުރިން އޭދަފުށީގައި ހުޅުވި ބައިނަލްއަގްވާމީ ފެންވަރުގެ ޓާފް ދަނޑުގައި އެރަށަށް ހުޅުވާލައިގެން އެންމެ ފަހުން މުބާރާތެއް ބޭއްވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މިއީ ކޮވިޑް-19 ބަލިމަޑުކަން ކުރިމަތިވި ފަހުން ރަށަށް ހުޅުވާލައިގެން އެ ދަނޑުގައި ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

2019 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ލެވިސްޓާ ކަޕްގެ މެޗެއްގެ ތެރެއިން

ފިރިހެން ފުޓްބޯޅަ މުބާރާތް މިއަދު ފަށާއިރު ވިމެންސް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. ފުޓްބޯޅަ މުބާރާތުގައި ފަސް ޓީމަކުން ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ކުރި ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭގޮތަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރުގެ ކުޅުން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ސެމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހު އެވެ. ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ ވެލާ ސްޕޯޓްސް ކްލަބް، ހުސް ސޮނގުން، އޭދަފުށި ވެޓަރެންސް ފުޓްބޯޅަ ކްލަބް، ބަނަފްސާ ކަންމަތި ފުޓްބޯޅަ ކްލަބް (ކްލަބް ބީކޭ) އަދި އެމްވީ ޔުނައިޓެޑް އެވެ.

މިއަދު ހަވީރު ރަސްމީކޮށް ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހުސް ސޮނގުންނާއި ވެލާ ސްޕޯޓްސް ކްލަބެވެ. މިއީ އެރަށުގެ އެއް އަވަށަކަށް ނިސްބަތްވާ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ވާދަވެރި ދެ ކްލަބެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފިރިހެން ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެ

އަންހެން ފުޓްސަލް މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ލަކީ ގާލްސް، ލިލީ ސްޓަރ، ދަ ޝޫޓާސް އަދި ގަލްފް ގާލްސް އެވެ. އަންހެން ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއް ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރާނީ ލަކީ ގާލްސް އާއި ލިލީ ސްޓަރ އެވެ. ލީގު ބުރުގެ އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. ވިމެންސް ފުޓްސަލްގެ ސެމީ ފައިނަލް މެޗު މި މަހުގެ 15 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސާފައިވާއިރު ލޮޓަސް ފިހާރަ އާއި ޖާޒިއާ އަކީ ވެސް މުބާރާތުގެ ސްޕޮންސަރުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

އޭދަފުށި ކަޕްގެ ހުރިހާ މެޗެއް ކްލަބް އޭދަފުށި ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *