ސަންޗޭޒްގެ ދެ ގޯލާ އެކު އިންޓަ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ސަންޗޭޒްގެ ދެ ގޯލާ އެކު އިންޓަ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ޢަލީ ޝަހީމް

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ޕާމާ ބަލިކޮށް އިންޓަ މިލާން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

25 މެޗުން ލިބުނު 59 ޕޮއިންޓާ އެކު އިންޓަ އެއް ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް މެޗު ކުޅެގެން ވާދަވެރި އޭސީ މިލާން އޮތީ 53 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އާއި ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އޮތީ 49 ޕޮއިންޓާ އެކު އެވެ. އިންޓަ މޮޅުވުމުން ޔުވެންޓަސްއާ އެޓީމާ ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފަ އެވެ. އިންޓަ އަތުން ބަލިވެ 15 ޕޮއިންޓާ އެކު 19 ވަނައިގައި އޮތް ޕާމާ އަށް މިހާރު ވަނީ ރެލިގޭޝަނުގެ ބިރު ބޮޑުވެފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ގާތްގާތުގައި އަލެކްސިސް ސަންޗޭޒްގެ ދެ ގޯލުން އިންޓަ ވަނީ ލީޑު ނަގައިފަ އެވެ. ސަންޗޭޒަށް މި ދެ ލަނޑު ޖަހަން ވެސް މަގުފަހިކޮށްދިނީ ކުރިން އޭނާއާ އެކު މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ޕާމާ އިން ލީޑު ކުޑަކުރި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާނާނީ އެވެ.

ރޭގެ މެޗަކީ ލީގުގައި ޖެހިޖެހިގެން އިންޓަ ހޯދި ހަ ވަނަ މޮޅެވެ. ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދުމަށް ފަހު އިންޓަ މިހާރު އަމާޒު ހިފާފައިވަނީ ލީގު ޗެމްޕިއަންކަން ހޯދުމަށެވެ. މި ސީޒަނުގައި ޔޫރަޕްގެ މުބާރާތެއް އިންޓަ އަށް ނެތުމާ އެކު ލީގަށް ސަމާލުކަންދީގެން ކުޅުމުގެ ފުރުސަތު އެޓީމަށް ވަނީ ލިބިފަ އެވެ. އިންޓަ އިން އިޓާލިއަން ލީގު އެންމެ ފަހުން ކާމިޔާބުކުރީ މީގެ 11 އަހަރު ކުރިންނެވެ. މިދިޔަ ނުވަ އަހަރު އިޓާލިއަން ލީގު އެއްކޮށް ޑޮމިނޭޓް ކޮށްފައިވަނީ ޔުވެންޓަސް އިންނެވެ. އެކަމަކު މި ސީޒަނުގައި އެޓީމުގެ ނަތީޖާތައް ދަށްވެ ލީގު ދިފާއުކުރުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *