ޗެލްސީން ލިވަޕޫލްގެ ތާރީހުގައި ބޮޑު ލަށްގަނޑެއް ޖައްސައިފި

Advertisement

ޗެލްސީން ލިވަޕޫލްގެ ތާރީހުގައި ބޮޑު ލަށްގަނޑެއް ޖައްސައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި 1-0 އިން ޗެލްސީއާ ވާދަކޮށް ބަލިވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި 30 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު މި ސީޒަނުގައި ލިވަޕޫލް ފެންނަނީ ދަށްކޮށެވެ. އަނިޔާގެ އެތައް މައްސަލައެއް ކުރިމަތިވެފައިވާ ލިވަޕޫލް ރޭ ބަލިވި މެޗާ އެކު އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން އެޓީމު ބަލިވި އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޗެމްޕިއަންކަން ހޯދުމަށް ފަހު އަމިއްލަ ދަނޑުގައި މިހާ ދަށްކޮށް އެއްވެސް ޓީމަކަށް ކުރިމަތިވި ނަތީޖާއެއް ނޫނެވެ. އަނެއްކޮޅުން ހޯމްގައި ފަސް މެޗުން ބަލިވުމާ އެކު މިއީ ލިވަޕޫލްގެ ކާމިޔާބު ތާރީހުގައި އެޓީމު އަމިއްލަ ދަނޑުގައި އެންމެ ދަށް ރެކޯޑެވެ. މިދިޔަ ސީޒަނުގައި 18 ޕޮއިންޓުގެ ލީޑަކާ އެކު ޗެމްޕިއަންކަން ހޯދިއިރު އެޓީމުން ވަނީ މިދިޔަ ތިން އަހަރުތެރޭ އަމިއްލަ ދަނޑުގައި ލީގުގައި ބަލިނުވެ 68 މެޗު ކުޅެފަ އެވެ. އަމިއްލަ ދަނޑުގައި ބަލިވުމުގެ ސިލްސިލާ ލިވަޕޫލަށް ފެށުނީ މިދިޔަ ޖެނުއަރީ މަހު ބާންލީއާ ވާދަކުރި މެޗާއި ހަމައިންނެވެ.

ލިވަޕޫލާ ދެކޮޅަށް ހޯދި މުހިއްމު މޮޅަށް ފަހު ޗެލްސީ ވަނީ 47 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލިވަޕޫލް މިހާރު އޮތީ 43 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގައި ރޭ 1-0 އިން ވެސްޓް ބްރޮމް ބަލިކޮށް އެވަޓަން ވަނީ 46 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަށުން ބޭރުގައި 1-0 އިން ފުލަމް ބަލިކޮށް 42 ޕޮއިންޓް ހޯދައި ތާވަލުގެ އަށް ވަނަ އަށް އަރައިފަ އެވެ.

ރޭގެ މެޗުގެ ކުރީކޮޅު ޗެލްސީގެ ޓީމޯ ވާނާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ގޯލު ޖެހުމުގެ ކުރިން ވާނާ އޮފްސައިޑްކަމަށް ދެއްކުމުން ކެންސަލްކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. މިއީ ތޯމަސް ޓުޗެލް ކޯޗުކަމާ ހަވާލުވިފަހުން ކުޅުނު އަށް މެޗުގައި މައުންޓް ލީގުގައި ޖެހި ތިން ވަނަ ލަނޑެވެ.

ރޭގެ މެޗާ އެކު މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ބަލިނުވެ ކުޅުނު މެޗުގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީގެ ނަތީޖާތައް މާބޮޑަށް ދަށްވުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *