ނަތީޖާ އަނބުރާލެވޭނެ ފެންވަރު އަދިވެސް ހުރިކަން ބާސެލޯނާއިން ދައްކާލައިފި
ސްޕެނިޝް ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލްގައި ސެވިއްޔާ އާ ވާދކޮށް ކުޅުނު ފުރަތަމަ ލެގުގައި 0-2 އިން ބަލިވެފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު 0-3 އިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެވެ. މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ފައިނަލަށް ދިއުމުގެ އުއްމީދު ބާސެލޯނާ އިން އާކުރި ނަމަވެސް އެ ޓީމުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް އެގްރިގޭޓް ނަތީޖާ އިން ކުރީގައި އޮތީ ސެވިއްޔާ އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ސެވިއްޔާ ކޮޅަށް ވައްދާލި ގޯލާއެކު މުޅި މަންޒަރު ބައްދަލުވި އެވެ. އެއާއެކު ދެން ދާންޖެހުނީ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފަށެވެ. އޭރު ސެވިއްޔާއަށް އޮތީ އެ ޓީމުގެ ފެނާންޑޯ އަށް މެޗު ނިމެން އުޅެނިކޮށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހިފަ އެވެ. މެޗުގެ ނަތީޖާ ބާސެލޯނާ އިން އެއްވަރުކުރީ މެޗުގައި ސެވިއްޔާ އަށް ޕެނަލްޓީ އެއްވެސް ލިބި ބޭކާރުވެސްވި ފަހުންނެވެ.
ރޭގެ މެޗުގެ ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލައި އެ ޓީމަށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުރީ ކޮޅު ކާމިޔާބުކޮށްދިނީ މާޓިން ބްރެތުވެއިޓެވެ.
ކޮޕަ ޑެލްރޭ މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ އަށް ފައިނަލްގައި ވާދަކުރަންޖެހޭނީ އެތުލެޓިކޯ ބިލްބާއޯ އާ ލެވަންޓޭ ވާދަކޮށްގެން މޮޅުވާ ޓީމަކާ އެވެ.
Advertisement
Leave a Reply