ލެސްޓާ ބަލިކޮށް އާސެނަލުން ޖަމްޕެއް ޖަހައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި 3-1 އިން ލެސްޓާ ސިޓީ ބަލިކޮށް އާސެނަލް 11 ވަނަ އިން 9 ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
މެޗަށް ނުކުތްއިރު ގަދަ ހަތަރެއްގެ އުއްމީދު އާކުރުމަށް ލެސްޓާ އަށް މޮޅެއް އޮތީ މުހިއްމުވެފަ އެވެ. އަނެއްކޮޅުން ގަދަ ހަތަރަކަށް އަރަން ގަދައަޅާ މަސައްކަތް ކުރަމުން އަންނަ އާސެނަލަށް މޮޅުވުން ނޫންގޮތެއް ނެތެވެ.
މި މޮޅާ އެކު އާސެނަލް 9 ވަނަ އަށް ކުރިއަށް ޖެހިލީ 26 މެޗުން ހޯދި 37 ޕޮއިންޓާ އެކު އެވެ. އެކަމަކު މިރޭ 7 ޖަހާއިރު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެ ނަމަ އާސެނަލް 10 ވަނަ އަށް ވެއްޓޭނެ އެވެ. މެޗުން ބަލިވި ލެސްޓާ އޮތީ 49 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑް މިރޭ ރަށުން ބޭރުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
މެޗަށް ދެޓީމު ނުކުތްއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލެސްޓާ ސިޓީ ވަނީ ޔޫއެފާ ޔޫރޮޕާ ލީގުން ކަޓައިފަ އެވެ. އާސެނަލް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރުކުރީ ފަހުވަގުތު ބެންފީކާ ކޮޅަށް ޖެހި ގޯލުތަކުން މޮޅުވެގެންނެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބުކަޔޯ ސާކާ އާއި ޕިއޭ އެމެރިކް އޮބާމިޔަން މިއަދު ފުރަތަމަ އެގާރައިގައި ހިމަނާފައެއްނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ޔޫރީ ޓީލަމެންސްގެ ގޯލުން ލެސްޓާ އިން ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު އޭގެފަހުން އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައިފަ އެވެ. 39 ވަނަ މިނެޓުގައި ވިލިއަން ނަގައިދިން ހުރަހަކުން ޑޭވިޑް ލުއިޒް ފުރަތަމަ ގޯލު ޖެހިއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލެކްސަންޑަ ލަކަޒެޓް އެވެ. މިއީ ނިކޮލަސް ޕެޕޭ އަށް ލެސްޓާގެ ވިލްފްރެޑް އެންޑިޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕެޕޭ އެވެ.
މިރޭ ޗެލްސީ އާއި ޔުނައިޓެޑް ވާދަކުރާ މެޗު ފަށާނީ 9:30 ގަ އެވެ.
Advertisement
Leave a Reply